Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ޑިސެމްބަރު ފަހުކޮޅު ޝަންގްރިއްލާ ހުޅުވަން ތައްޔާރުވަނީ

އަންނަ ޑިސެމްބަރު މަހުގެ ފަހުކޮޅު އައްޑޫ ސިޓީގެ، ޝަންގްރިއްލާ ރިސޯޓް އޮޕަރޭޝަނަށް ގެނައުމަށް ތައްޔާރުވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ތޯރިގު ވަނީ ޝަންގްރިއްލާ ގްރޫޕުގެ އިންވެސްޓްމަންޓް އެންޑް އެސެޓް މެނޭޖްމަންޓުގެ ވެރިޔާ ކްރިސް ފޮންގް އާއި ޝަންގްރިއްލާ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ހާވް ޑުބޯސްކްއާއެކު އިއްޔެ ބައްދަލުކުރައްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ޝަންގްރިއްލާ ރިސޯޓު ޑިސެމްބަރު ފަހުކޮޅު ހުޅުވުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ މަތީ ފަންތީގެ ތެރޭގައި ހިމެނޭ ޝަންގްރިއްލާ ރިސޯޓް ބަންދުކުރީ ކޮވިޑްގެ ވަބާގެ ތެރޭގައި 2020 ގެ މާޗް މަހުގެ ތެރޭގަ އެވެ.

ގަން އެއާޕޯޓުން ލޯންޗްގައި ފަސްވަރަކަށް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ ޝަންގްރިއްލާ ވިލިގިލި ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. ދެހާސް އަށެއްގައި ހުޅުވި ރިސޯޓްގައި 60 ވޯޓަރ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާގެ އިތުރުން ދެ ޕްރެޒިޑެންޝަން ވިލާ ވެސް ހުރެ އެވެ.

ޝަންގްރިއްލާ ރިސޯޓަކީ ގޮލްފް ކޯހެއް ވެސް އޮންނަ ރިސޯޓެކެވެ.

އައްޑޫގެ ވަރަށް ގިނަ ބަޔަކު ވަޒީފާ އަދާކުރަމުން ދިޔަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް ނުހުޅުވި ދިގުލައިގެން ގޮސްފައިވުމަކީ އައްޑޫގެ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.