އައްޑޫ ސިޓީ ހުޅުދޫގައި ރަށު ކައުންސިލެއް އުފެދިއްޖެ ނަމަ، އެ ރަށުގެ ހެލްތު ސެންޓަރުގައި ދަތުގެ ފަރުވާ ދޭނެ ކަމަށް ދަތުގެ މަޝްހޫރު ދިވެހި ޑޮކްޓަރު ޑރ. އިބްރާހީމް ދީދީ ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް މާދަމާ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހުޅުމީދޫއަށް ނިސްބަތްވާ ދީދީ ވިދާޅުވީ ހުޅުދޫގައި ރަށު ކައުންސިލް އުފެއްދުމުން، އެ ކައުންސިލުގެ ސަޕޯޓާއެކު ހުޅުދޫ ހެލްތު ސެންޓަރަށް ޒިޔާރަތްކޮށް ދަތުގެ ފަރުވާ ހިލޭ ފޯރުކޮށްދޭނެ ކަމަށެވެ.
އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ހިޔާލު ހޯދުމުގެ ވޯޓެއް މި މަހު ނަގާނެކަން ރައީސް މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ މަހުގެ 17 ގަ އެވެ.
ރައީސް ވިދާޅުވީ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކަން އެ މަނިކުފާނާ ހަމައަށް އައިސްފައިވާ ކަމަށެވެ. އަދި ރައްޔިތުން އެދޭ ކަހަލަ ދާއިމީ ހައްލެއް ގެނެސް ދެއްވާނެ ކަމަށް އައްޑޫ މީހުންނަށް ވައުދުވެވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފައިވާ ގޮތުގައި މި ވޯޓްގައި ތިން އަވަށުން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 9،576 އެވެ. އެގޮތުން ފޭދޫން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 4،355 އެވެ. މީދޫން 2،347 މީހަކަށް ވޯޓު ދިނުމުގެ ޙައްގު ލިބޭ އިރު ހުޅުދޫގެ 2،874 މީހަކަށް ވޯޓު ދިނުމުގެ ޙައްގު ލިބެ އެވެ.