Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ރާއްޖެއަށް އެއްބާރުލުން ދިނުމުގައި ފީފާ ދެމި އޮންނާނެ

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯލް ( ފީފާ ) ގެ ރައީސް ޖިއަނީ އިންފަންޓީނޯ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ވަގުތު ހުސްކުރައްވައިގެން ރާއްޖެއަށް ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ، އެކަމަށް ޝުކުރު އަދާކުރައްވާފައިވެ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ ފުޓްބޯޅަ ތަރައްޤީކުރެއްވުމަށް ޚާއްޞަ އަހައްމިއްޔަތެއް ދެއްވާ ކަމަށާއި، ފުޓްބޯޅަ އަކީ ދިވެހިންގެ އެންމެ މަޤްބޫލު ކުޅިވަރުކަން ފާހަގަކުރައްވާފައެވެ. އަދި، ދިވެހި ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމުގައި ފުޓްބޯޅައަކީ މުހިންމު ބާރެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިއަހަރާއި އަންނަ އަހަރު، ކުޅިވަރުގެ ދާއިރާ ތަރައްޤީކުރެއްވުމަށް ކުރައްވަމުންގެންދަވާ އުމުރާނީ މަސައްކަތްތަކާއި އެހެނިހެން ކަންކަމުގެ މަޢުލޫމާތު ވެސް ރައީސް ހިއްސާކުރެއްވި އެވެ. އަދި މުޅި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި އެ ޖަމިއްޔާގެ އިސްވެރިންނަށް، ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ފީފާ ގެ ރައީސް ދެއްކެވި ވާހަކަފުޅުގައި މިވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅައަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ޤަބޫލުކުރައްވާ ކަމުގައި ވިދާޅުވި އެވެ. ނަމަވެސް މިހާރު އަންނަމުންދާ ކުރިއެރުންތަކާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށާއި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ މިހާރުގެ އިސްވެރިންގެ މަސައްކަތަށް ތައުރީފުކުރައްވާ، ފީފާއިން ދެމުންދާ އެއްބާރުލުން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރާއްޖޭގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު ތަރައްޤީ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، މުޅިދުނިޔެއަށް، ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި އެއްވަރަށް ފުޓްބޯޅައިގައި ހޯދާކާމިޔާބީ ވެސް ވިދާލާނެ ކަމުގައި ފީފާގެ ރައީސް ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ފީފާގެ ރައީސް ވަނީ ރާއްޖޭގެ ފުޓްބޯޅަ ތަރައްޤީ ކުރެއްވުމަށް އެއްބާރުލުންދެއްވުމާއި އެފް.އޭ.އެމް ކުރިއެރުވުމަށް ގުޅުން އިތުރަށް ބަދަހިކުރުމަށް ދެބޭފުޅުންވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.