Last Updated: July 3, 11:07
Friday, July 3, 2026
ޚަބަރު

ރަށު ކައުންސިލާއެކު މީދޫ ފެންނާނީ ކުޑަ ދުބާއީއެއްގެ ގޮތަށް

ރަށު ކައުންސިލާއެކު އައްޑޫ މީދޫ ފެނިގެންދާނީ ކުޑަ ދުބާއީއެއްގެ ގޮތަށް ކަމަށް، މީދޫ ކައުންސިލަރު އައިމިނަތު ސާލިހާ ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް މާދަމާ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ.

މީދޫގައި ރަށު ކައުންސިލެއް އުފެދުމަށް ތާއީދުކޮށް މިއަދު ހަވީރު ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން ސާލިހާ ވިދާޅުވީ ރާއްޖޭގެ އެކި ކައުންސިލްތަކުގެ ރައީސުންނާއި ބައްދަލުވެ ވަރަށް ގިނަ ރަށްތައް ފެނިފައިވާ ކަމަށާއި އެ ރަށްތަކުގެ މަލަމަތި އާއި ތަރައްގީގެ ކަންކަން ވެސް ހުރީ އައްޑުއަށް ވުރެ މާ ހައި ލެވެލެއްގައި ކަމަށެވެ.

އަދި ރަށްތައް ތަރައްގީ ވާނީ ކޮންމެހެން ސިޓީއެއްގައި ތިބެގެން ނޫން ކަމަށާއި އޭގެ ބަދަލުގައި ތަރައްގީ ވާނީ ސިޔާސީ ގޮތުން އޭރަކު ތިބި ބަޔަކު ކޮށްދިނުމުންނާއި އަދި ސަރުކާރާއި ގުޅުން ބާއްވައިގެންނާއި އެކަން ކުރަން ތިބި ބައެއްގެ ގާބިލުކަން ހުރެގެން ކަމަށް ސާލިހާ ވިދާޅުވި އެވެ.

ސާލިހާ ވަނީ ރަށު ކައުންސިލެއްގެ ތިބި ނަމަވެސް ބައިނަލްއަގުވާމީ ގޮތުން ހޯދަންޖެހޭ އެހީތައް ވެސް ހޯދާނެ ކަމަށާއި އެކަން ވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

"މާދަމާ ނަގާ ވޯޓުގައި އެންމެން އާ އެނކޭ ބުނެގެން، މި ކައުންސިލް ވަކިވާއިރު މީދޫއަކީ ކުޑަކުޑަ ދުބާއީއެއްގެ ގޮތަށް މި މަންޒަރު ފެންނަނީ. އިރާދަކުރެވިއްޔާ އެ މަންޒަރު ފެންނާނެ،" ސާލިހާ ވިދާޅުވި އެވެ.