ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ހިންގި ގަތުލްއާންމާއި ގުޅިގެން ފުޓްބޯޅަ އިން އެގައުމު ސަސްޕެންޑްކުރަން ދެކޮޅު ހެދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމުން އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ނުރުހުން ފާޅުކުރައްވައިފި އެވެ.
އިންފަންޓީނޯ ރާއްޖެ ވަޑައިގެން މިއަދު ހެނދުނު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ބައްދަލުކުރައްވާފަ އެވެ. އަދި މިއަދު ހަވީރު ރައީސް މުއިއްޒާއެކު ފުޓްބޯޅަ މެޗެއް ވެސް އިންފަންޓީނޯ ކުޅުއްވާފައިވެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ރަޝިއާ ސިފައިން ޔުކްރޭނަށް އެރިތާ 5 ދުވަސް ތެރޭ ފީފާއިން ރަޝިއާގެ ޤައުމީ ފުޓްބޯޅަ ޓީމު ސަސްޕެންޑްކުރި ކަމަށާއި އިޒްރޭލުން ގާޒާގައި ގަތުލުއާންމެއް ހިންގައި، ފަލަސްތީނުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއެކު އެތައްހާސް ބަޔަކު ޝަހީދުކޮށްފައިވާތީ، އިޒްރޭލު ސަސްޕެންޑްކުރުމަށް މުޅި ދުނިޔެއިން ގޮވަމުންދާތާ ދެ އަހަރުވީއިރު ވެސް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.
"އިޒްރޭލު ސަސްޕެންޑްކުރުމަށް ފީފާއިން ފާޅުގައި ދެކޮޅު ހަދަމުން ދަނިކޮށް، ފީފާގެ ރައީސާއެކު ރާއްޖޭގެ ރައީސް ފުޓްބޯޅަ މެޗެއް ކުޅެން ޖެހުނީ ކީއްވެބާ؟ މިހާރު ކޮންމެހެން ތިފަދަ "ރަމްޒީ މެޗެއް" ނުކުޅުނަކަސް ވެދާނެ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވަނީ މިއީ ދިވެހި ރައްޔިތުންގެ ޝުއޫރުތަކާއި ދެކޮޅަށް، މުޅި އިސްލާމީ އުންމަތަށް، ދިވެހިންނަށް ޖެއްސުމަކަށް ކުރިކަމެއްގެ ގޮތުގައި ނޫނީ ދެކެވޭނެ އެއްވެސް އެހެންގޮތެއް ނުވިސްނޭ ކަމަށްވެސް ވިދާޅުވެފަ އެވެ.