Last Updated: June 5, 22:30
Friday, June 5, 2026
ރިޕޯޓް

ކުއްލިއަކަށް އަންނަ ދުވަހެއް!

އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކު ދުނިޔޭގައި ދިރިއުޅެމުން މިދަނީ ޣާފިލުކަމެއްގެ ތެރޭގަ އެވެ. އެއްވެސް އަޅާލުމެއް ނެތި އެވެ. އެއިން ކޮންމެ މީހަކު ވެސް ވަނީ ދުނިޔެއިން އޭނާ ބޭނުންވާ ކަންކަން ހާސިލުކުރުމުގައި އަވަދިނެތިވެ ފައެވެ. ދުނިޔެއާ ހެދި މަޝްޣޫލުވުމުގެ ސަބަބުން މި ދިރިއުޅުމުގެ ޙަޤީޤަތާމެދު ވަނީ ޣާފިލުވެވިފަ އެވެ.

މުދާ އެއްކުރުމުގައެވެ. ތަޢުލީމު ހާސިލުކުރުމުގަ އެވެ. ކެރިއަރ ބިލްޑް ކުރުމުގައެވެ. (ނުވަތަ މަސައްކަތުގެ މާހައުލުގަ އެވެ.) “ދަރިން ތަރުބިއްޔަތު ކުރުމުގައެވެ.” އެކި މީހުން އެކިއެކި ކަންކަމުގަ އެވެ.

މާތް الله އަށް ތަޤްވާވެރިވާ މީސްތަކުން ވަނީ މި ޣާފިލުކަމުން ސަލާމަތްވެގެންވާ ބަޔަކު ކަމުގައެވެ. އެބައިމީހުންނަކީ ކޮންމެ ވެސް ދުވަހަކުން މާތް الله އާ ބައްދަލު ކުރަން ޖެހޭނޭކަން އަބަދުމެ ހަނދާނުގައި ބަހައްޓައިގެން އުޅޭ މީހުންނެވެ.

ނަމަވެސް ގިނަ ބަޔަކު ވަނީ މި ދުވަހުގެ މަތިން ހަނދާންނައްތާލާފައެވެ. މާތް الله ވަޙީކުރައްވާފައިވެއެވެ.

﴿اقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِي غَفْلَةٍ مُّعْرِضُونَ مَا يَأْتِيهِم مِّن ذِكْرٍ مِّن رَّبِّهِم مُّحْدَثٍ إِلَّا اسْتَمَعُوهُ وَهُمْ يَلْعَبُونَ ﴾ [سورة الأَنبِيَاء: 1-2]

މާނައީ: “މީސްތަކުންނަށް އެއުރެންގެ (ޢަމަލުތަކުގެ) ހިސާބު ބެއްލެވުމުގެ ވަގުތު ގާތްވެއްޖެއެވެ. އެއުރެން ޣާފިލުވެ (އެކަމުން) އެއްކިބާވެގެންވާ ޙާލުގަ އެވެ. އެއުރެން (އެއަށް) ފުރައްސާރަކުރާ ޙާލުގައި، އޭގެ އަޑުއަހާ ކަމުގައިނުވާ އައު އާޔަތެއް، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން އެއުރެންނާ ހަމަޔަކަށް ނާދެތެވެ.”

ނަމަވެސް އެ ދުވަހަކީ ނޭނގި ތިއްބާ އަންނާނޭ ދުވަހެއް ކަމުގައި މާތް الله ވަނީ ކަނޑައަޅުއްވާފައެވެ. މާތް الله ގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. ”އުޑުތަކާއި، ބިމުގައި އެކަން ބުރަކަމަކަށް ވެފައިވެއެވެ. ކުއްލިއަކަށް މެނުވީ، އެކަން ތިޔަބައި މީހުންނާ ހަމަޔަކަށް ނާންނަހުށްޓެވެ.” [سورة الأعراف: 187] އަދިވެސް އެކަލާނގެ ވަޙީބަސްފުޅުގެ މާނައިގައިވެ އެވެ. ”ނުވަތަ އެއުރެން ނުދެނެތިއްބައި، ކުއްލިއަކަށް ޤިޔާމަތުގެ ވަގުތު އެއުރެންނަށް އަތުވެދާނޭކަމުގެ ބިރެއް ނެތި، އެއުރެން އަމާންކަން ލިބިގެން ތިބީ ހެއްޔެވެ؟ ”[سورة يوسف: 107] އަދިވެސް އެކަލާނގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. ”ކާފިރު ވިމީހުން، އެ ޤުރްއާނާ މެދު ޝައްކު ކަމެއްގައި ތިބުމުން ފިލައިނުދެތެވެ. ޤިޔާމަތް ވުމުގެ ވަގުތު ކުއްލިއަކަށް އެއުރެންނާ ހަމަޔަށް އަތުވެއްޖައުމަށް ދާނދެނެވެ.” [سورة الحج: 55] އަދިވެސް އެކަލާނގެ ވަޙީބަސްފުޅުގެ މާނައިގައިވެ އެވެ. ”ފަހެ، އެއުރެންނަށް ނުވެސް އެނގިތިއްބައި، އެ ޢަޛާބު އެއުރެންގެ ގާތަށް އަންނާނީ ކުއްލިއަކަށެވެ.” [سورة الشعراء: 202] އަދިވެސް އެކަލާނގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. “އެއުރެންނަށް ނޭނގިތިއްބައި ކުއްލިޔަކަށް ޤިޔާމަތް ވުމުގެ ވަގުތު އަތުވެދާނެ ކަމަށް މެނުވީ، އެއުރެން އިންތިޒާރެއް ނުކުރެތެވެ.” [سورة الزخرف: 66] އަދިވެސް އެކަލާނގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. ” ފަހެ، އެއުރެންނަށް ނޭނގިތިއްބައި، ކުއްލިޔަކަށް ޤިޔާމަތް ވުމުގެ ވަގުތު އަތުވެދާނެކަމަށް މެނުވީ، އެއުރެން އިންތިޒާރު ކުރޭހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން، އެކަމުގެ ޢަލާމާތްތައް އަތުވެއްޖެއެވެ.” [سورة محمد: 18]

އެ ދުވަހަކީ މީސްތަކުން ދުނިޔެއާ ހެދި މަޝްޣޫލުވެފައި ވަނިކޮށް ނޭނގި ތިއްބާ އަންނާނޭ ދުވަހެކެވެ. މި އާޔަތްތަކުން އެނގޭ ގޮތުގައި އަޅުގަނޑުމެން އެންމެ ވެސް ދުނިޔެއަށް ފޮނުއްވުމާއެކު އެ މީހެއްގެ ވަގުތުތައް ދާނީ ދުވަހެއްދުވަހަކަށް ވުރެ މަދު ވަމުންނެވެ. ނުވަތަ އެމީހެއްގެ މަރުގެ ކައުންޓް ޑައުން އެ ހިސާބުން އެއީ ފެށުނީ އެވެ. އެހެންކަމުން ޣާފިލުކަމުގައި އުޅޭ މީހާއަށް އެ ދުވަސް އަންނާނީ ކުއްލިއަކަށެވެ. ދުނިޔޭގައި ބައިވަރު ޕްލޭންސް ހަދައި ބައެއް ކަންކަން ނުނިމި ހުއްޓައެވެ. ދުނިޔެވީ މިސާލަކަށް ވިސްނާލަމާތޯ އެވެ. ކުރިއަށް ކަމެއް ރާވައި އެއަށް ތައްޔާރުވާ ކަމުގައިވާ ނަމަ އެކަމެއް އައިސް ޖެހުމުން އެއާ ކުރިމަތި ލަނީ ވަރަށް ކެރިހުރެ ސާބިތުކަމުގަ އެވެ.

ނަމަވެސް އެއްވެސް ވަރަކަށް އެކަމަކާ މެދު ވިސްނާ ވެސް ނުލެވި ހުއްޓާ އަންނަ ބޮޑެތި ކަންކަމާ ކުރިމަތިލާން ޖެހެނީ ވަރަށް އުނދަގުލުގައެވެ. އެމީހެއްގެ މަރު އެބަ އަންނަކަން ވިސްނާ އެއަށް ތައްޔާރުވާ މީހާ ވެސް މި ފެންނަނީ އެފަދައިންނެވެ. އެ ދުވަހަށް ތައްޔާރުވާ ބަޔަކަށް ވަމާތޯ އެވެ!

މަސްދަރު: އިލްމު.އެމްވީ