Last Updated: June 8, 12:02
Monday, June 8, 2026
މުނިފޫހިފިލުވުން

އަހަރު ނިންމާލާނީ 'އަލްވަދާއު' އިން

މި އަހަރުގެ ފަހު ފިލްމުގެ ގޮތުގައި އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ޑާކް ރެއިން އެންޓައިންމަންޓްގެ އާ ފިލްްމުގެ ޕޯސްޓަރު ދައްކާލައިފި އެވެ.

ޑިސެންބަރު 1 ގައި ޕްރީމިއާ ކުރަން ނިންމާފައިވާ ފިލްމުގެ ނަމަކީ "އަލްވަދާއު" އެވެ.

މީގެ ޑައިރެކްޓަރަކީ ޑާކް ރެއިންގެ ގިނަ އުފެއްދުންތައް ޑައިރެކްޓްކޮށްފައިވާ އަލީ ޝިފާއު (ޗިއްޕެ) އެވެ. "އަލްވަދާއު" ގެ ލީޑް ތަރިންނަކީ ޑާކް ރެއިންގެ ގިނަ ފިލްމުތަކެއްގައި ބަތަލާގެ ރޯލު ކުޅެފައިވާ މަރިޔަމް މަޖުދާ އާއި މިހާރު އެ ސްޓޫޑިއޯގެ ކޮންމެ އުފެއްދުމަކުން ވެސް ފެންނަ ޝަރަފު އަބްދުﷲ އެވެ.

މަޖުދާ އާއި ޝަރަފަކީ ޑާކް ރެއިނުން މިދިޔަ އަހަރު ގެނެސްދިން ހޮރޯ-ކޮމެޑީ "ބިބީ" ގެ ވެސް ލީޑް ތަރިންނެވެ.

ޝަރަފްގެ އަންހެނުން ޝަހުދާ މަހުމޫދުގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "އަލްވަދާއު" ގެ ކާސްޓްގައި ޝީލާ ނަޖީބާއި ނުޒުހަތު ޝުއައިބާއި އިސްމާއީލް ޖުމައިހާއި އައިޝަތު ލައިޝާ ލަތީފާއި ދަރާ މުހައްމަދު ރަޝީދު ވެސް ހިމެނެ އެވެ.

މި ފިލްމަކީ ޑާކް ރެއިނުން މި އަހަރު ގެނެސްދޭ ދެވަނަ ފިލްމެވެ. އެ ސްޓޫޑިއޯގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ މި މަހުގެ 6-19 އަށް ޝޯތައް ދެއްކި "އަލިފާން" އެވެ. އެއީ ޗިއްޕެ އާއި އެކްޓަރު ރަވީ ފާރޫގް ގުޅިގެން ޑައިރެކްޓްކުރި ކްރައިމް އެކްޝަން ތުރިލާއެކެވެ.