ތައިލޭންޑްގެ ކުރީގެ ރާނީ ސްރިކިތު އަވަހާރަވެއްޖެ އެވެ.
އެ ގައުމުގެ ޝާހީ އާއިލާއާ ހަވާލާދީ މީޑިއާތަކުން ބުނީ އެކަމަނާ އުމުރުން 93 އަހަރުގައި އަވަހާރަވީ ރޭގެ ވަގުތެއްގައި ހޮސްޕިޓަލްގްއި ކަމަށެވެ.
ސްރިކިތަކީ ތައިލޭންޑްގެ މިހާރުގެ ރަސްގެފާނު ވިޖިރާލޮންކޯން، 73، ގެ މަންމާފުޅެވެ.
ސްރިކިތަކީ ތައިލޭންޑްގެ އެންމެ ގިނަ ދުވަހު ރަސްކަން ކުރެއްވި ބުމިބޯލް އަދުލްދަޔޭޖްގެ އަނބިކަކަމުންނެވެ. ހަތްދިހަ އަހަރު ރަސްކަން ކުރެއްވި ރަސްގެފާނު އަވަހާރަވީ 2016 ގަ އެވެ.
މިޑިއާތަކުން ބުނީ ތައިލޭންޑްގެ ކުރީގެ ރާނީ އަވަހާރަވި އިރު، 2019 ގެ ފަހުން އެކަމަނާ އަށް ސިއްހީ އެކިއެކި މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ. ދެހާސް ބާރައިގައި ސްޓްރޯކެއް ވެސް ޖެހިވައިގަތް ސްރިކިތު އަށް 2019 ގައި ލޭގެ އިންފެކްޝަނަކާ ވެސް ކުރިމަތިވެވަޑައިގަތެވެ.
އެކަމަނާ އަވަހާރަވުމުގެ ޚަބަރާ އެކު ތައިލޭންޑްގެ ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ހިތާމަފާޅުކުރަމުންނެވެ.