ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު ވިއެޓްނާމުގެ ބޮޑުވަޒީރުގެ ނައިބު ބުއި ތަންސޮން އާއި ބައްދަލު ކުރައްވައިފި އެވެ.
މިނިސްޓަރު ހަލީލު، ވިއެޓްނާމުގެ ބޮޑު ވަޒީރުގެ ނައިބު އާއި ބައްދަލު ކުރައްވާފައިވަނީ މިހާރު ވިއެޓްނާމަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލު ކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލު ވިދާޅުވީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ރައްޔިތުންގެ ފައިދާއަށްޓަކައި ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.
މިނިސްޓަރު ހަލީލު ވިއެޓްނާމަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ އދ. ގެ ފަރާތުން ސައިބާ ކްރައިމްތަކާ ދެކޮޅަށް އެކުލަވާލާފައިވާ އާ ބައިނަލްއަގްވާމީ އެއްބަސްވުން "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބާ ކްރައިމް" ގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.