Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ފުވައްމުލަކުގެ ފެނުގެ ހިދުމަތަށް ބުރޫ އަރާފައި

ފުވައްމުލަކުގެ ސަޕްލައި ފެނުމުގެ ހިދުމަތަށް ބުރޫ އަރައި، އެ ސިޓީގެ ރައްޔިތުންނަށް ބޮޑު ތަކުލީފަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ހިދުމަތަށް ބުރޫ އެރީ ފެންޕްލާންޓަށް ދިމާވި މައްސައަކާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ފެނަކަ އިން ބުނީ ފެންޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި ސިޓީން ފެނުގެ ހިދުމަތް ކެނޑުނު ކަމަށެވެ. އަދި މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ފުވައްމުލަކުން ދިޔައީ ފެނުގެ ހިދުމަތް މެދުކަނޑަމުމްނެވެ. އެއީ މެންދަމު 12:00 އިން ފެށިގެން ހެނދުނު 6:00 އަށެވެ.

މި މައްސަލަ ހައްލު ނުވެ، މައްސަލަ އިތުރަށް ގޯސްވެފައިވާތީ ފުވައްމުލަކު މޭޔަރު އިސްމާއީލް ރަފީގު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ރޭ ވިދާޅުވީ ސިޓީގެ ފެނުގެ މައްސަލަ ދިމާވާތާ ގިނަ ދުވަސްތަކެއްވެއްޖެ ކަމަށާއި މިކަން ކަމާބެހޭ ފަރާތްތަކުުގެ ސަމާލު ކަމަށް ވެސް ގެނެސްފައިވާ ކަމަށެވެ.

އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީތަކާއި މެސެޖްތަކުން ވެސް ފެނުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކުގެ ވާގަކަ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

"މިއީ ކުއްލިއަކަށް ދިމާވި ކަމެއް ނޫން. ފެން ނިޒާމުގައި ބޭނުންކުރާ ތަކެތި ހަލާކުވުމުން ނުލިބުމާއި ހަލާކުވާ އެއްޗެހި މަރާމާތު ވެސް ނުކުރެވޭތީ މިހާ ހިސާބަށް މިކަން ދިޔައީ މޭޔަރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މިކަމާ ގުޅޭ ގޮތުން ކައުންސިލުން ފުވައްމުލަކުގެ ފެނަކަ ޓީމާ ވެސް ވާހަކަ ދައްކާތާ އެތައް އަހަރެއްވެއްޖެ ކަމަށެވެ.

"އެކަމަކު މިކަމަށް އެކަށީގެންވޭ ހައްލެއް ލިބޭ ތަނެއް ނުފެނޭ." މޭޔަރު ވިދާޅުވި އެވެ.