Last Updated: June 8, 11:51
Monday, June 8, 2026
ދުނިޔެ

ފްރާންސްގައި އަލަށް އަންހެނަކަށް އުމުރު ޖަލު ހުކުމެއް

ލޯލާ އަދި ބެންކާޑް

ފްރާންްސްގައި އަލަށް އަންހެނަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމް އިއްޔެ އިއްވި އަންހެން މީހާ އަކީ 12 އަންހެން ކުއްޖަކު ރޭޕްކޮށް މަރާލިކަމުގެ ކުށް ސާބިތުވެގެން ހުކުމް އިއްވި ޑާބިއާ ބެންކާޑް ކިޔާ މީހެކެވެ.

އަލްޖީރިއާ އިން ފްރާންސަށް ސްޓޫޑެންޓް ވިސާގައި ހިޖުރަކޮށްފައިވާ ބެންކާޑް، 27، ލޯލާ ޑެވިއެޓް ކިޔާ ކުއްޖާ ރޭޕްކޮށް، މަރައިލީ ކުއްޖާ ސްކޫލުން ގެއަށް ދަނިކޮށް، ފެނިގެން "ހައްލާލައިގެން" ކުލީ އެޕާޓްމަންޓަކަށް ގެންގޮސް އޮކްޓޯބަރު 14، 2022 ގަ އެވެ.

ކުއްޖާގެ ހަށިގަނޑު ފެނުނީ މަރާލައި ޕްލާސްޓިކް ފޮއްޓަކަށްލާފައި ވަނިކޮށެވެ.

ކޯޓުން އިއްޔެ އިއްވި ހުކުމުގައި ބުނެފައި ބަނީ ބެންކާޑް ކުއްޖާ މަރައިލު އިރު، ހުރީ ހަމަހޭގައި ކަމަށާއި އޭނަ އަކީ ސިއްހީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް އެއްވެސް މައްސަލައެއް ހުރި މީހެއް ނޫން ކަމަށެވެ. އެހެންވެ އެއީ ގަސްތުގައި ހިންގާފައިވާ ޖަރީމާއަކަށްވާތީ ދެވެން އޮތް އެންމެ ބޮޑު އަބަދު ދޭން ކަނޑައަޅާ ކަމަށެވެ.

ހުކުމްގެ ކުރިން ބެންކާޑް ވަނީ މައާފަށް އެދޭ ކަމަށާއި އޭނަގެ އަމަލާ މެދު ވަރަށް ހިތާމަކުރާ ކަމަށް ބުނެފަ އެވެ.

އޭނަގެ މައްޗަށް އިއްވި ހުކުމާ ގުޅިގެން ލޯލާގެ މަންމަ ޑެލްފީން ޑެވިއެޓް ބުނީ ދަރިފުޅުގެ މަރަށް އިންސާފު ލިިބިއްޖެ ކަމަށް ގަބޫލުކުރާ ކަމަށެވެ.