Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ވާޖިން އެޓްލާންޓިކް ވެސް އާ ޓާމިނަލަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލުން އިނގިރޭސިވިލާތުގެ ވާޖިން އެޓްލާންޓިކްގެ އެއާލައިންސްގެ ހިދުމަތް ވެސް ދޭން ފަށައިފި އެވެ.

އެ އެެއާލައިންސްގެ ހިދުމަތް އެތަނުން ދޭން ފެށުން މިއަދު ފާހަގަ ކުރަން ޑިޕާޗަ ސަހައްދުގައި ހާއްސަ ރަސްމިއްޔެއް ބާއްވާފައިވެ އެވެ. ވާޖިން އެޓްލާންޓިކަކީ އާ ޓާމިނަލްގައި ހިދުމަތް ދޭން ފެށި 14 ވަނަ އެއާލައިނެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިއްޔެ ވަނީ ބްރިޓިޝް އެއާވޭސްގެ ހިދުމަތް ވެސް އާ ޓާމިނަލަށް ބަދަލުކޮށްފަ އެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ އާ ޓާމިނަލް ހުޅުވީ ޖުލައި 26 ގަ އެވެ. އެ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި، ހަ ސެލްފް ސާވިސް ކައުންޓަރާއި، 20 ޑިޕާޗަ އިމިގްރޭޝަން ކައުންޓަރާއި ހަ ޕެސެންޖަރ ބޯޑިންގ ގޭޓާއި 12 އޭރޯ ބްރިޖް ހުރެ އެވެ.

މި ޓާމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ތަނެކެވެ.

އާ ޓާމިނަލުން މިހާރު ހިދުމަތް ދެމުން އަންނަ އެއާލައިންތަކަކީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އެއާ އަރަބިއާ ބިއޯންޑް ފިޓްސް އެއާގެ އިތުރުން ބެއިޖިންގް ކެޕިޓަލް އެއާލައިންސް ބަޓިކް އެއާ ބެންކޮކް އެއާވޭސް އަދި އިންޑިގޯ، ގަލްފް އެއާ، މެލޭޝިއާ އެއާލައިންސް، ސައުދިއާ، ޗޮންގްޗިންގް އެއާ، ބްރިޓިޝް އެއާވޭޒސް އެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.