ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހިތުހުރި ގޮތެއް ހަދަން ދޫކޮށް ނުލެވޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ކުރީގެ ހޯމް މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެ އެއާޕޯޓަކީ ދިވެހިންގެ އަތުގައި އޮތް އެންމެ މުހިންމު ސްޓްރެޓެޖީކް އެސެޓް ކަމަށެވެ. އިމްރާން ވިދާޅުވީ އެއާޕޯޓަކީ ރާއްޖޭގެ މައި ދޮރާށިކ ކަމަށާއި އެއ ދިވެހިންގެ މަސައްކަތްތެރިކަމުގެ ރަމްޒެއް ކަމަށެވެ. އަދި އެއީ ޓޫރިޒަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށް ވެސް ވިދާޅުވި އެވެ.
"ދިވެހިންގެ އެއާޕޯޓަށް ރައީސް މުއިއްޒު ހިތުހުރި ގޮތެއް ހަދަން ދޫކޮށެއް ނުލެވޭނެ." އިމްރާން ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އެ އެއާޕޯޓު މޯގޭޖުކޮށް އެތަން ތަރައްގީ ކުރުމުގެ ނަމުގައި ބިލިޔަނުން ލޯނު ނަގައި އެކި ނަންނަމުގައި އަމިއްލަ މަންފާއަށް ކަމާނުގުޅޭ ސިޔާސީ ކަންކަމަށް ހަރަދުކުރަމުންދާ ކަމަށެވެ. އަދި އޭގެ ނަތީޖާއަކަށް ވާނީ ދުވަސްކޮޅަކުން ލޯނުތައް ޑީފޯލްޓްވެ އެއާޕޯޓު ގެއްލި ޓޫރިޒަމް ސިނާއަތް އެކީ ހަލާކުވެދިއުން ކަމަށް ވިދާޅުވި އެވެ.
"ދިވެހި ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ނިކުމެ މިކަން ހުއްޓުވަންވީ ދުވަސް ޖެހިއްޖެ." އިމްރާން ވިދާޅުވި އެވެ.
ވީއައިއޭ ހިންގަމުން އަންނަ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މި ފަހުން ސަރުކާރުން އަންނަނީ އެ ކުންފުނުން ނުކުރާ ވަރަށް ގިނަ މަސައްކަތްތައް ހަވާލު ކުރަމުންނެވެ. އޭގެ ތެރޭގައި ބިން ހިއްކުމާއި ފިޓްނެސް ސެންޓަރު ހެދުމާއި ރިސޯޓް ތަރައްގީ ކުރުން ފަދަ ކަންކަން ހިމެނެ އެވެ.
މިފަދަ މަސައްކަތްތަކަށް ހާއްސަކޮށްގެން އެމްއޭސީއަލުން މި މަހުގެ ކުރީކޮޅު ޕެނިއުންސިއުލާ އިންފްރާންސްޓަރަކްޗާ ކިޔާ ކުންފުންޏެއް ވެސް އުފައްދައިފަ އެވެ.