Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ވޯޓްލާން ޑިޖިޓަލް އައިޑީ ބޭނުމެއް ނުކުރެވޭނެ: އީސީ

އައްޑު އަށް ހާއްސަ މިހާރު ރެފަރަންޑަމެއް މިހާރު ކުރިއަށްދާ ވޯޓުލާން ޑިޖިޓަލް އައިޑީ ބޭނުން ނުކުރެވޭނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަނުން އެގޮތަޑް ނިނީ އައްޑޫ ފޭދު އާއި މީދޫ އަދި ހުޅުދޫގައި ރަށު ކައުންސިލް ހަދަން ފެނޭތޯ މިއަދު ކުރިއަށް ގެންާ ވޯޓްގައި ބައެއް މީހުން ވޯޓުލާން ފާއިރު ޑިޖިޓަލް އައިޑީ ގެންދާތީ އެވެ.

އީސީގެ ސެކެޓްރީ ޖެނެރަލް އަބްދުﷲ އުނައިސް ވިދާޅުވި ވޯޓުލާން އަންނައިރު ބައެއް މީހުން ގެންނަ ލިޔެކިއުންތަކުގެ މައްސަލަ އުޅޭ ކަމަށެވެ. އެގޮތުން، ބައެއް މީހުން ވޯޓުލާން އަންނަނީ އީފާސް ޑިޖިޓަލް އައިޑީ ފޯނުން ދައްކާ ގޮތަށް ކަމަށް އުނައިސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހުއްދަ ދީފައި އޮންނާނީ އައިޑީ ކާޑު، ލައިސެންސް އަދި ޕާސްޕޯޓު ކާޑަށް. މިއިން އެއްވެސް އެއްޗެއްގެ ޑިިޖިޓަލް ފޯމެޓެއް ނޫން އަޅުގަނޑުމެން ބަލައިގަންނަނީ،" އުނައިސް ވިދާޅުވި އެވެ. "ހަމަ ސީދާ ކާޑު ގެންނަން ޖެހޭނީ. ބައެއް މީހުން ފޯނުން ދައްކާލުމާއި ނޫނީ އީފާސް ޑިޖަޓަލް އައިޑީކާޑު ގެނައުން ފަދަ ކަންކަން އެބަދިމާވޭ. އެހެންވީމާ މިޔަށް ސަމާލުކަން ދީގެން ވޯޓުލާން ވަޑައިގަންނަވަން އިލްތިމާސްކުރަން."

ހެނދުނު 8:00 އިން ފެށިގެން ވޯޓްލުން ކުރިއަށްދާ އިރު، ހަވީރު 4:00 އާ ހަމައަށް އެ ފުރުސަތު އޮންނާނެ އެވެ. މި ވޯޓް ކުރިިއަށް ގެންދަނީ ވޯޓް ހާއްސަކޮށްފައިވާ އައްޑޫގެ ތިން އަވަށުގެ އިތުރުން މާލޭގަ އެވެ. އެގޮތުން 18 ވޯޯޓްފޮށި ބަހައްޓާފައިވެ އެވެ. އެއީ އައްޑޫގައި 11 އަދި މާލޭގައި 7 ފޮއްޓެވެ.