އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ މިއަދު ނަގާ ވޯޓަށް އޮތް ތަރުހީބު ކުޑަކަން ހާމަވެއްޖެ އެވެ.
މި ވޯޓް ހާއްސަކޮށްފައި ވަނީ ފޭދު އާއި މީދޫ އަދި ހުޅުދުއަށެވެ.
މި ފެންނަ ނުފެނަނަ ވޯޓްގައި ތިން އަވަށުން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 9،576 އެވެ. އެގޮތުން ފޭދޫން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 4،355 އެވެ. މީދޫން 2،347 މީހަކަށް ވޯޓު ދިނުމުގެ ޙައްގު ލިބިފައިވާ އިރު، ހުޅުދޫގެ 2،874 މީހަކަށް ވޯޓު ދިނުމުގެ ޙައްގު ލިބެ އެވެ.
ނަމަވެސް ހެނދުނު 8:00 ގައި ވޯޓްލާން ހުޅުވާލައި މިއަދު ފަހު 1:00 ޖެހުމާ އަށް ވޯޓް ލާފައި ވަނީ އެންމެ 21.9 ޕަސެންޓް މީހުންނެވެ. މިއީ ވޯޓްގައި ބައިވެރިވުމުގެ ހައްގު ލިބޭ މީހުންގެ ތެރެއިން 2،097 މީހުންނެވެ. ވޯޓްލީ މީހުންގެ ތެރޭގައިި ހިމެނެނީ 1،102 ފިރިހެނުންނާއި 995 އަންހެނުންނެވެ.
މި ވޯޓަށް ޖުމްލަ 18 ވޯޓްފޮށި ބަހައްޓާފައިވެ އެވެ. އެއީ އައްޑޫގައި ބެހެއްޓި 11 ފޮއްޓާއި މާލޭގައި ބެހެއްޓީ 7 ފޮއްޓާ އެކީގަ އެވެ. ފޭދޫގައި ޖުމްލަ ފަސް ފޮށި ބަހައްޓާފައިވާ އިރު، މީދޫގައި ތިން ފޮށި އަދި ހުޅުދޫގައި ވެސް ތިން ފޮށި ބަހައްޓާފައިވެ އެވެ.
މާލޭގައި ބެހެއްޓި ފޮށިތަކަށް ބަލާ އިރު ފޭދޫ ރައްޔިތުން ވޯޓުލާން ތިން ފޮއްޓާއި ހުޅުދޫ ރައްޔިތުން ވޯޓުލާން ތިން ފޮށީގެ އިތުރުން މީދޫގެ ރައްޔިތުން ވޯޓުލާން އެއް ފޮށި ބަހައްޓާފައިވެ އެވެ.