Last Updated: July 3, 18:02
Friday, July 3, 2026
ޚަބަރު

އައްޑޫ ވޯޓު: މިހާތަނަށް ވޯޓުލީ 35 ޕަސެންޓް މީހުން

އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ މިއަދު ނަގާ ވޯޓަށް މެންދުރު 3 ޖެހުމާ ހަމައަށް ވޯޓުލީ 35 ޕަސެންޓް މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ފޭދު އާއި މީދޫ އަދި ހުޅުދު އަށް ހާއްސަ މި ވޯޓްގައި ވޯޓްލާން ފެށީ ހެނދުނު 8:00 ގަ އެވެ.

މި ފެންނަ ނުފެނަނަ ވޯޓްގައި ތިން އަވަށުން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 9،576 އެވެ. އެގޮތުން ފޭދޫން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 4،355 އެވެ. މީދޫން 2،347 މީހަކަށް ވޯޓު ދިނުމުގެ ޙައްގު ލިބިފައިވާ އިރު، ހުޅުދޫގެ 2،874 މީހަކަށް ވޯޓު ދިނުމުގެ ޙައްގު ލިބެ އެވެ.

އީސީން ބުނީ މެންދުރު 3 ޖެހުމާ ހަމައަށް އައްޑޫގެ އިތުރުން މާލޭގައި ބަހައްޓާފައިވާ ފޮށިތަކަށް ވޯޓް ލާފައި ވަނީ 3،410 މީހުން ކަމަށާއި އެއީ ވޯޓް ލެވޭ އާބާދީގެ 35.6 ޕަސެންޓް ކަމަށެވެ. ވޯޓްލީ މީހުންގެ ތެރޭގައި ހިމެނެނީ 1،695 ފިރިހެނުންނާއި 1،715 އަންހެނުންނެވެ.

ވޯޓްލުން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ.

މި ވޯޓަށް ޖުމްލަ 18 ވޯޓްފޮށި ބަހައްޓާފައިވެ އެވެ. އެއީ އައްޑޫގައި ބެހެއްޓި 11 ފޮއްޓާއި މާލޭގައި ބެހެއްޓީ 7 ފޮއްޓާ އެކީގަ އެވެ. ފޭދޫގައި ޖުމްލަ 5 ފޮށި ބަހައްޓާފައިވާ އިރު، މީދޫގައި ތިން ފޮށި އަދި ހުޅުދޫގައި ވެސް ތިން ފޮށި ބަހައްޓާފައިވެ އެވެ.

މާލޭގައި ބެހެއްޓި ފޮށިތަކަށް ބަލާ އިރު ފޭދޫ ރައްޔިތުން ވޯޓުލާން ތިން ފޮއްޓާއި ހުޅުދޫ ރައްޔިތުން ވޯޓުލާން ތިން ފޮށީގެ އިތުރުން މީދޫގެ ރައްޔިތުން ވޯޓުލާން އެއް ފޮށި ބަހައްޓާފައިވެ އެވެ.