Last Updated: June 8, 11:51
Monday, June 8, 2026
މުނިފޫހިފިލުވުން

އެކްޓަރު ސަތިޝް ޝާހް މަރުވެއްޖެ

ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކާއި ޓީވީގެ ބައެއް އުފެއްދުންތަކުގައި ވެސް މަސައްކަތްކޮށްފައިވާ އިންޑިއާގެ އެކްޓަރު ސަތިޝް ޝާހް މިއަދު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އުމުރުން 73 އަހަރުގެ އެކްޓަރު މަރުވީ ސިއްހީ ހާލަތު ގޯސްވެގެން މުމްބާއީގެ ހިންދޫޖާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށް ކިޑްނީ ފެއިލްވެގެން ކަމަށެވެ.

ސަތިޝްގެ މަރާ ގުޅިގެން ބޮލީވުޑްގެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަފާޅު ކުރަމުންނެވެ.

ބޮލީވުޑްގެ މަޝްހޫރު ވަަރަށް ގިނަ ތަރިންނާ އެކު މަސައްކަތްކޮށްފައިވާ ސަތިޝްގެ އެންމެ ފަހުގެ ފިލްމަކީ 2014 ގެ "ހަމްޝަކަލްސް" އެވެ.

ހަތްދިހައިގެ ތެރޭގައި ފިލްމީ މަސަައްކަތްތަކަށް ނުކުތް އެކްޓަރު ކުޅެފައިވާ ފާހަގަކޮށްލެވޭ ބައެެއް ފިލްމުތަކުގެ ތެރޭގައި "ޕުރާނާ މަންދިރު"، "އުމްރާއޯ ޖާން"، "ހަމް އާޕް ކޭ ހޭ ކޯން"، "ދިލްވާލޭ ދުލްހަނިއާ ލޭޖާއޭގޭ"، "އަކޭލޭ ހަމް އަކޭލޭ ތުމް"، "ފަނާ"، "އޯމް ޝާންތީ އޯމް"، "ޗަލްތޭ ޗަލްތޭ"، "ކަލް ހޯ ނަ ހޯ"، "ރާ.ވަން" އަދި "މުޖްސޭ ޝާދީ ކަރޯގީ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ސަތިޝް ކުޅުނު ސިލްސިލާތަކުގެ ތެރެއިން "ސަރަބާއީ ވާސަސް ސަރަބާއީ" އަދި "ވިކްރަމް ބެތާލް" އަކީ ވަރަށް މަގުބޫލު ދެ ސިލްސިލާ އެވެ.

އާންމުންގެ ތެރޭގައި ސަތިޝް އެންމެ މަގުބޫލީ ހެއްވާ މަޖާ ރޯލުތަކުންނެވެ.