Last Updated: June 8, 11:51
Monday, June 8, 2026
ދުނިޔެ

ފަސް އަހަރަށް ފަހު ޕީއައިއޭ ޔޫކޭ އަށް

ޕާކިސްތާންގެ ގައުމީ އެއާލައިން، ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް ޕީއައިއޭ) ގެ ދަތުރުތައް އިނގިރޭސިވިލާތަށް ދަތުރު ކުރުން މަނާކޮށްފައި އޮންނަތާ ފަސް އަހަރު ފަހުން ދަތުރުތައް އަލުން މިއަދު ފަށައިފި އެވެ.

މިކަމަށްޓަކައި އިސްލާމްއާބާދު އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު ޚުވާޖާ އާސިފް ވިދާޅުވީ ދިގު މެދުކެނޑުމަކަށް ފަހު ޕީއަައިއޭގެ ދަތުރުތައް އަލުން އިނގިރޭސިވިލާތަށް ފެށުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"މިކަން މި ކާމިޔާބު ކުރެވުނީ ވަރަށް ގިނަ ބައެއްގެ ވަރަށް ގިނަ ދުވަހުގެ މަސައްކަތުން ވެސް މެ." މިނިސްޓަރު ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތާއި އީޔޫގެ ގައުމުތަކުގެ އިތުރުން އެމެރިކާ އަށް ދަތުރުތައް ކުރަން ޕީއައިއޭ އަށް ދީފައި ހުއްދަ ބާތިލު ކުރި ފަހުން އެ އެއާލައިންގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރަން ފާއިތުވި މުއްދަތުގެ ތެރޭގައި ވަރަށް ގިނަ، ބޮޑެތި މަސައްކަތްތަކެއްކޮށްފައިވާ ކަމަށެވެ.

އެގޮތުން ޕައިލެޓުންގެ ތަމްރީނާއި ފްލީޓްގެ މެއިންޓަނަންސާއި ސޭފްޓީ ޕްރޮޓޮކޯލާއި ލައިސެންސިން ފަދަ އެތައް ކަމެއް ހަރުދަނާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އެހެންވެ ޕީއައިއޭ އަލުން އިނގިރޭސިވިލާތަށް ދަތުރު ކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން ދިނީ އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން މިދިޔަ ޖުލައި މަހުގެ ތެރޭގައި ކުރިއަށް ގެންދިޔަ ސޭފްޓީ އިންސްޕެކްޝަނަށް ފަހު، އޭވިއޭޝަން ސްޓޭންޑަށް ފެތޭ ކަމަށް ނިންމުމަށް ފަހު އެވެ.

އިނގިރޭސިވިލާތުގެ އިތުރުން އީޔޫ އަދި އެމެރިކާ އިން ޕީއައިއޭގެ ހުއްދަ 2020 ގެ ޖޫން މަހުގެ ތެރޭގައި ބާތިލުކުރީ ޕީއައިއޭގެ އެއާބަސް އޭ320 މަރުކާގެ ބޯޓެއް ކަރާޗީ އަށް ވެއްޓި 100 އެއްހާ މީހުން މަރުވި ހާދިސާއާ ގުޅިގެންނެވެ. އޭރު އެ އެއާލައިނުން ބުނެފައި ވަނީ އެ ހާދިސާ ހިނގީ "ހިއުމަން އެރާއަކުން" ކަމަށެވެ.

އީޔޫގެ ގައުމުތަކަށް ޕީއައިއޭ އިން ދަތުރު ކުރުމުގެ ހުއްދަ އަލުން ދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

ޕީއައިއޭ އިން ބުނީ އިނގިރޭސިވިލާތަށް އަލުން ދަތުރު ފަށާފައިވާތީ އިސްލާމްއާބާދާއި މެންޗެސްޓާއާ ދެމެދު ހަފުތާ އަކު ދެ ދަތުރު ބާއްވާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ލަންޑަނާއި ބާމިންހަމަށް ވެސް ދަތުރުތައް ފަށާނެ ކަމަށް ބުންޏެވެ.