Last Updated: July 4, 21:01
Saturday, July 4, 2026
ޚަބަރު

އައްޑޫ ކައުންސިލުން ވަކިވާން ހުޅުދު އާއި މީދޫން ނިންމައިފި

އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ހުޅުދޫ އާއި މީދޫގެ ރައްޔިތުން ނިންމައިފި އެވެ.

ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށް މިއަދު ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާތަކަށް ބަލާއިރު، ހުޅުދޫ އަދި މީދޫއަށް ހާއްސަކޮށްގެން ބެހެއްޓި ހުރިހާ ވޯޓު ފޮއްޓެއްގެ ނަތީޖާ ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

އެގޮތުން އައްޑޫ ކައުންސިލުން ވަކިވާން ފެންނަ ކަމަށް ހުޅުދޫގެ 720 މީހަކު ވޯޓު ދީފައިވާއިރު، ނުފެންނަ ކަމަށް ވޯޓު ދިނީ 325 މީހުންނެވެ. އަދި އައްޑޫ ކައުންސިލުން ވަކިވާން މީދޫގެ 841 މީހަކު ވޯޓު ދިންއިރު، ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 144 މީހުންނެވެ.

މި ވޯޓުގައި ހުޅުދޫގެ 37 ޕަސެންޓު މީހުން ވޯޓުލާފައިވާއިރު، މީދޫން ވޯޓުލާފައިވަނީ 43 ޕަސެންޓު މީހުންނެވެ.

މިއީ ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ނެގި ފުރަތަމަ ވޯޓެވެ.

ރައީސް ވިދާޅުވީ އެންމެ ފަހުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑު އަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކަން އެ މަނިކުފާނާ ހަމައަށް އައިސްފައިވާ ކަމަށެވެ. އަދި ރައްޔިތުން އެދޭ ކަހަލަ ދާއިމީ ހައްލެއް ގެނެސް ދެއްވާނެ ކަމަށް އައްޑޫ މީހުންނަށް ވައުދުވެވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.