Last Updated: June 6, 18:02
Saturday, June 6, 2026
ޚަބަރު

ޕީކް ސީޒަނަށް ވީއައިއޭ އިން ތައްޔާރުވާން ފަށައިފި

މި އަހަރުގެ ޓޫރިޒަމްގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް އެއޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑިޕާޓްމަންޓްތަކުން ތައްޔާރުވުމަށް ބައްދަލުވުމެއް ބާއްވައިފި އެވެ.

އެ ބައްދަލުވުމުގެ މަގުސަދަކީ ބާރު ބޮޑު ސީޒަންގެ އޮޕަރޭޝަންސްތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމުގައި ޑިޕާޓްމަންޓްތަކަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާއި އެ ކަންކަމަށް ހުށަހަޅާ ހައްލުތަކާއި މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް އެހީތެރިކަން ފޯރުކޮށް ދެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ.

އެ ބައްދަލުވުން ފައްޓަވައި ދެއްވީ އެމްއޭސީއެލްގެ ޗީފް ކޮމާޝަލް އޮފިސަރު (ސީސީއޯ) މުހައްމަދު މިހާދެވެ. އޭނަ ވިދާޅުވީ، އެމްއޭސީއެލްއަކީ ޚިދުމަތް ދޭ ކުންފުންޏަކަށްވާ އިރު، އެކަމަށް އަބަދުވެސް ތައްޔާރަށް ތިބެން ޖެހޭ ކަމަށެވެ. އެގޮތުން ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިއަދު ބާއްވާ ބައްދަލުވުމަކީ އެމްއޭސީއެލްގައި ބާއްވަމުން އަންނަ އެންމެ މުހިންމު ބައްދަލުވުން ކަމަށް ވިދާޅުވި އެވެ.

މިހާދު ވިދާޅުވީ އެމްއޭސީއެލް އިން ޚިދުމަތް ހޯދާ ފަރާތްތަކަށް، އެ ފަރާތްތަކުން ބަލައިގަންނަ ފެންވަރަށް ނުވަތަ އެއަށް ވުރެ ވެސް މަތީ ފެންވަރަށް ޚިދުމަތް ދިނުމަށް ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓަކާއި ހުރިހާ މުވައްޒަފުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެހެންވެ ކުންފުނީގެ ހުރިހާ ވަސީލަތްތަކާއި މުވައްޒަފުންނާއި އެ މުވައްޒަފުންގެ ވިސްނުން ވެސް ބަދަލުވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި އެމްއޭސީއެލްގެ އިސްވެރިންނާއި އެމްއޭސީއެލްގެ ޑިޕާޓްމަންޓްތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމާއި އާ އަހަރަށް ދިމާވާ ދުވަސްވަރަކީ އެއާޕޯޓަށް އެންމެ ބާރުބޮޑު ދުވަސްވަރެވެ. މިދިޔަ އަހަރުގެ ޕީކް ސީޒަންގައި ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓް (ވީއައިއޭ) އަށް 7,558 ފްލައިޓް އޮޕަރޭޓްކުރިއެވެ.