އައްޑޫ ހިތަދޫން ދިރިއުޅެން ދޫކުރަން ނިންމި ގޯތިތަކުގެ ތެރެއިން މިހާތަނަށް ހަވާލު ނުކުރެވި ހުރި ގޯތިތައް ހަވާލު ކުރުމުގެ މަސައްކަތް މިއަދު ކޮށްފައިވާ ކަމަށް ހިތަދޫ އަވަށު އޮފީހުން ބުނެފި އެވެ.
ހިތަދޫން ދޫކުރަން ނިންމީ 500 ގޯއްޗެވެ. އެއީ 1،500 އަކަފޫޓްގެ ގޯތިތަކެކެވެ.
ގޯތިތައް ހަވާލު ނުކުރެވި ލަސްވެގެން ގޯތިތައް ދޫކުރަން ނިންމި ބައެއް ސަރަަހައްދުތަކަށް ބަދަލު ގެންނަން ޖެހުމާއި ބައެއް ބިންތަކުގައި ހުރި މަސައްކަތްތަކާ ހެދި ކަމަށް ކައުންސިލުން ކުރިން ބުނެފައިވެ އެވެ.
ހިތަދޫ އަވަށު އޮފީހުން މިއަދު ބުނީ ހަވާލު ނުކުރެވި ހުރި ގޯތިތައް ހަވާލުކުރުމަށްޓަކައި ގޯތި ދިނުމަށް ކަނޑައަޅާފައިވާ ސަރަހައްދުތައް ކައުންސިލުން ނިންމަވަފައިވާތީ، ގޯތި ލިބިފައިވާ ފަރާތްތަކަށް ލިބޭ ޕްލޮޓް ކަނޑައެޅުމަށްޓަކައި މިއަދު ހެނދުނު ކުރިއަށް ގެންދެވުނު ޤުރުއަތު ލުމުގެ ތެރެއިން މާމެންދޫ ސަރަހައްދުން 84 ގޯތި އަދި ހިއްކިބިމުން 49 ގޯތި ހަވާލު ކުރުމުގެ މަސައްކަތް މިއަދު މެންދުރު ފަހު ކޮށްފައިވާ ކަމަށެވެ.
ހިތަދުއާ އެކު އައްޑޫގެ އިތުރު ތިން އަވަށަކުން ގޯތި ދޫކުރަން ހުޅުވައިލީ 2023 ގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެގޮތުން ފޭދޫން 300، މީދޫން 100 އަދި ހުޅުދޫން 100 ގޯއްޗަށް ހުޅުވައިލި އެވެ. ފޭދޫން ވެސް 1،500 އަކަފޫޓްގެ ގޯތި ދޫކުރި އިރު، ހުޅުދު އާއި މީދޫން ދޫކުރީ 2،000 އަކަފޫޓްގެ ގޯއްޗެވެ.
މީގެ އިތުރުން މަރަދޫ އާއި މަރަފޭދޫން ގޯތި ދޭން ދޫކުރަން ނިންމައި އެކަމަށް ހުޅުވައިލީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. މަރަދޫން 175 ގޯތި ދޭން ނިންމި އިރު، މަރަދޫފޭދޫން ދޭން ނިންމީ 76 ގޯއްޗެކެވެ. ދެ އަވަށުގެ ހިއްކި ބިމުން ދޭން ނިންމީ 1،500 އަކަފޫޓްގެ ގޯއްޗެވެ.