Last Updated: July 3, 18:02
Friday, July 3, 2026
ޚަބަރު

ފޭދޫ ރައްޔިތުން ނިންމީ ބުއްދިވެރި ނިންމުމެއް: ފައްޔާޒު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

އައްޑޫ ސިޓީ ކައުންސިލުން ވަކިވާން ނުފެންނަ ކަމަށް ފޭދޫ ރައްޔިތުން ނިންމި ނިންމުމަކީ ވަރަށް ބުއްދިވެރި ނިންމުމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ފޭދޫގެ ރައްޔިތުން ނިންމީ ވަރަށް ބުއްދިވެރި އަދި މުހިންމު ނިންމުމެއް ކަމަށާއި އެކަމަށްޓަކާ އެ ރަށުގެ ރައްޔިތުންނަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި އައްޑޫ އެކީ އޮތުމަކީ މުސްތަޤްބަލަށް އެންމެ އެކަށީގެންވާ އަދި އުންމީދީ މަގުކަން ފޭދޫ ރައްޔިތުން ގަބޫލުކޮށްފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވަނީ އައްޑޫ ކައުންސިލުން ވަކިވާން ނިންމި ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް އިތުރު މިނިވަންކަމާއި ތަރައްޤީއަށް މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފަ އެވެ.

ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށް މިއަދު ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާތަކަށް ބަލާއިރު، ފޭދޫއަށް ހާއްސަކޮށްގެން ބެހެއްޓި 8 ވޯޓު ފޮށީގެ ނަތީޖާ ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

އެގޮތުން ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 1،782 މީހަކު ވޯޓު ދީފައިވާއިރު، ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް ވޯޓު ދިނީ 615 މީހުންނެވެ.

މި ވޯޓުގައި ފޭދޫގެ 55.43 ޕަސެންޓު މީހުން ވޯޓުލާފައިވާއިރު، ބާތިލު 24 ވޯޓު ހިމެނެ އެވެ.

މިއީ ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ނެގި ފުރަތަމަ ވޯޓެވެ.