އައްޑޫ ސިޓީގެ އިދާރީ ހިންގުން ރޫޅިގެން ދިއުމަކީ ލިބުނު ހިތްދަތި ކަމެއް ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ މިއަދު ނެގި ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އައްޑޫ ކައުންސިލުން ވަކިވާން ހުޅުދޫ އާއި މީދޫން ވަނީ ނިންމާފަ އެވެ. އަދި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް ފޭދޫއިން ވަނީ ނިންމާފަ އެވެ.
ވޯޓުގެ ނަތީޖާއާ ގުޅިގެން ނިޒާރު ވިދާޅުވީ މި ހާލަތަކީ ދެކެން ބޭނުންވި ހާލަތެއް ނޫން ކަމަށާއި އެހެންނަމަވެސް އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ރައްޔިތުންގެ ނިންމުމަށް އިޚްތިރާމް ކުރަމުން މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ހުޅުދޫ އަދި މީދޫގެ އިދާރީ ވަކިވުމަކީ އެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކަކަށް ނިމުން ގެނުވާނެ ނިންމުމެއްކަމަށް އުއްމީދު ކުރާ ކަމަށް ނިޒާރު ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ އައްޑޫ ފޭދޫ ރައްޔިތުންގެ ހަރުދަނާ އަދި ދުރުވިސްނޭ ނިންމުމަށް މަރުހަބާ އަދި ޝުކުރު ދަންނަވާ ކަމަށާއި އެ ރައްޔިތުން އައްޑޫ ކައުންސިލްގައި ދެމިތިބުމަށް ނިންމި ނިންމުމަކީ އަތޮޅުގެ ތަރައްގީއާއި ކުރިއެރުން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވި އަދި އުއްމީދު ކުރެވުނު މުހިންމު ނިންމުމެއް ކަމަށެވެ.
އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ އިދާރީ ވަކިވުމަކީ އެ ރައްޔިތުންނާއި އެކު ދެމިއޮތް ޒަމާންވީ އެކުވެރިކަމާއި އަޚުވަންތަކަމަށް އެއްވެސް ބަދަލެއް އަންނަން ޖެހޭ ސަބަބެއް ނޫން ކަމަށް ނިޒާރު ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ ކުރިއަށް ވުރެ ގަދަކޮށް އައްޑޫގެ ތަރައްގީއަށް މުޅި އައްޑޫ އެއްކޮށް ނިކުމެ އަތުގުޅާލަން. ފިތުނަވެރި ބަހުސުތަކުން އެއްކިބާވެ އެކުވެރިކަމާއި އެކު ކުރިއަށް ދިއުން. އަޅުގަނޑު އައްޑޫ މީދޫ އަދި އައްޑޫ ހުޅުދޫ ރައްޔިތުންނަށް އަރުވާނެ ޔަގީންކަމަކީ އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންނާއި ދޭތެރޭ އެއްވެސް ތަފާތެއް ނުކުރާނެކަން،" ނިޒާރު ވިދަޅުވި އެވެ.
ނިޒާރު ވަނީ ހުރިހާ ރައްޔިތުންވެސް ގުޅިގެން އެކުވެރިކަމާއި އެކު ތަރައްގީ ލިބިގަތުމަށް ކުރިންވެސް ކުރިހެން މަސައްކަތް ކުރިއަށް ގެންގޮސްދިނުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.