Last Updated: July 3, 18:02
Friday, July 3, 2026
ޚަބަރު

އައްޑޫ ވޯޓުގެ ސަބަބުން ރުޅިވެރިކަން އިތުރުވިޔަ ނުދޭން ގޮވާލައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު-

އައްޑޫގެ ތިން ރަށެއްގައި ވަކި ރަށު ކައުންސިލްތަކެއް ހެދުމަށް ފެނޭތޯ ބެލުމަށް މިއަދު ނެގި ވޯޓުގެ ސަބަބުން ރުޅިވެރިކަން އިތުރުވިޔަ ނުދޭން ބާރުއެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ މިއަދު ނެގި ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އައްޑޫ ކައުންސިލުން ވަކިވާން ހުޅުދޫ އާއި މީދޫން ވަނީ ނިންމާފަ އެވެ. އަދި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް ފޭދޫއިން ވަނީ ނިންމާފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ މިއަދުގެ ވޯޓުގައި، ވޯޓުދިން މީހުންގެ ތެރެއިން ވަކި ކައުންސިލެއް ހަދަން ދިނީ 2،176 ވޯޓު ކަމަށާއި ސިޓީއެއްގެ ގޮތުގައި ބާއްވަން ދިނީ 2،251 ވޯޓު ކަމަށެވެ. އެހެން ނަމަވެސް މީދޫ އާއި ހުޅުދޫގެ ވޯޓުދިން މީހުންގެ ބޮޑު އަޣުަލަބިއްޔަތު ވޯޓު ދިނީ ސިޓީން ވަކިވާންކަން ނަޝީދު ފާހަގަކުރެއްވި އެވެ.

"މި ވޯޓުގެ ސަބަބުން ރުޅިވެރިކަން އިތުރުވިޔަ ނުދިނުމަށް ހުރިހާ ބޭފުޅުން ވެސް ބާރުއަޅުއްވާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން،" ނަޝީދު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ފޭދު އާއި މީދޫ އަދި ހުޅުދު އަށް ހާއްސަކޮށްގެން ބޭއްވި މި ވޯޓުގައި ވޯޓުލާފައިވަނީ 4510 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ 47.1 ޕަސެންޓެވެ. އަދި 5066 މީހަކު ވޯޓުގައި ބައިވެރިވެފައި ނުވާއިރު، އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ 52.9 ޕަސެންޓެވެ.

މި އިންތިހާބުގައި ވޯޓުލާފައިވަނީ 2139 ފިރިހެނުން އަދި 2371 އަންހެނުންނެވެ.

މި ފެންނަ ނުފެނަނަ ވޯޓްގައި ތިން އަވަށުން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 9،576 އެވެ. އެގޮތުން ފޭދޫން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 4،355 އެވެ. މީދޫން 2،347 މީހަކަށް ވޯޓު ދިނުމުގެ ޙައްގު ލިބިފައިވާ އިރު، ހުޅުދޫގެ 2،874 މީހަކަށް ވޯޓު ދިނުމުގެ ޙައްގު ލިބެ އެވެ.

މިއީ ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ނެގި ފުރަތަމަ ވޯޓެވެ.