މިއީ ޢަރަބި ޤައުމެއްގެ މީހަކު ކިޔައިދިން ވާހަކައެކެވެ.
ތިމަންނަގެ އަވައްޓެރިއެއް ހުރެ އެވެ. އޭނަ އަކީ ވިޔަފާރިކުރާ މީހެއް ކަމެއް ނޭނގެ އެވެ. އަދި ވާރުތައިން މުދާތަކެއް ލިބިފައިވާ މީހެއް ކަމެއް ވެސް ނޭނގެ އެވެ. އަދި ދިރިއުޅުމަށް ލާރި ހޯދުމަށްޓަކައި މަސައްކަތްކުރާ މީހެއް ވެސް ނޫނެވެ. ނަމަވެސް އޭނާގެ އަތުގައި މުދާ ވަރަށް ގިނަ އެވެ.
އެއް ފަހަރެއްގައި ތިމަންނާ އޭނާކުރެން އެހީމެވެ. ތިމަންނައަކީ ކަލޭގެ އަވައްޓެރިއެކެވެ. އަދި އަހަރެމެން އަވައްޓެރިންގެ ގޮތުގައި ތިބޭތާ ވަރަށް ގިނަ ދުވަސް ވެސް ވެއްޖެ އެވެ. ތިމަންނައަށް ކަލޭގެ އަތުގައި ބައިވަރު މުދާ ވާތަން އެބަ ފެނެ އެވެ. ނަމަވެސް ކަލެ އަކީ ވިޔަފާރިއެއް ވެސް އަދި މުދާ ހޯދުމަށް މަސައްކަތެއް ވެސް ކުރާ މީހެއް ނޫނެވެ. އެހެންވެ، ތިމަން ބޭނުން ވަނީ ކަލޭ ފަދައިން މުއްސަނދި މީހަކަށް ވެވޭނެ ގޮތެއް ކަލޭ ތިމަންނަ އަށް ކިޔައިދިނުމެވެ.
އަވައްޓެރިޔާ: އަހަރެން ކަލެއަށް މުއްސަނދި ވާނެ ގޮތެއް ކިޔައިދީފާނަން. އެކަމަކު އަހަރެން ކަލޭ ގާތުގައި ބުނާ ކޮންމެ ކަމެއް ކަލޭ ކުރަން ޖެހޭނެ! އޭގެން އެއްވެސް ކަމެއް ދޫކޮށްލައިގެން ނުވާނެ! ހަމައެއް ވެސް ކަމެއް.
އަހަރެން: އާނ. އެއްވެސް ކަމެއް ދޫ ނުކޮށްލާ ކަލޭ ބުނާ ހުރިހާ ކަމެއް ކޮށްފާނަން.
އަވައްޓެރިޔާ: ކޮންމެ ހާލެއްގައި ވެސް އެ ހުރިހާ ކަމެއް ކުރަން ޖެހޭނެ!
އަހަރެން: މައްސަލައެއް ނޯންނާނެ.
މުދަލަށް ޖެހިފައިވާ ލޯބީގެ ސަބަބުން އޭނާ ބުނި ބަހަށް އަހަރެން އިގުރާރު ވީމެވެ. ދެން އޭނާ އަހަންނަށް މުއްސަނދި ވާނެ ގޮތް ކިޔައިދެމުން ބުންޏެވެ.
އަވައްޓެރިޔާ: އިރު އޮއްސޭ ވަގުތު ކޯރުގެ އައްސޭރި ފަށަށް ދޭ! އިރު އޮއްސޭނީ ޝައިޠާނާގެ ދެ ދަޅައިގެ ދެމެދަށް. ދެން އިރު އޮއްސޭތަން ބަލަށް ހުރެ އަހަރެން މި ދޭ ނަން ތަކަކަށް ގޮވާލާ! މިގޮތަށް ގޮވާލުމުން ކޯރުން އެއްޗެއް ފާޅުވާނެ. ދެން ކަލެއާ އޭތި ވާހަކަ ދައްކާނެ. ކަލޭގެ ކިބައިން އެދޭ އެއްވެސް ކަމެއް ދޫނުކޮށް ކުރަން ޖެހޭނެ! އެއީ ކޮންމެ ކަމަކަށް އެދުނު ކަމުގައި ވިޔަސް.
މުދަލަށް ކަރުހިއްކައިގެންފައިވާލެއް ބޮޑު ކަމުން އަހަރެން ދިޔައީމެވެ. އަދި އަވައްޓެރިޔާ ބުނި ނަމުން ގޮވާލުމުން އެއްޗެއް (ޖިންނިއެއް) ފާޅުވެއްޖެ އެވެ.
ޖިންނި: (އެވެނި މީހާއެވެ!) ކަލޭގެ ގާތުގައި އަހަރެން މި ބުނާ ކަންތައްތައް ކުރޭ! އޭގެ ތެރެއިން އެއްވެސް ކަމެއް ދޫކޮށްގެން ނުވާނެ!
އަހަރެން: އެއްވެސް ކަމެއް ދޫކޮށެއް ނުލާނަން.
އަހަރެންގެ ކިބައިން އޭތި އެންމެ ފުރަތަމަ ވެސް އެދުނު ކަމަކީ ނަމާދު ދޫކޮށްލުމެވެ. މާތް ﷲ ގެ ރަޙްމަތްޕުޅުން އަހަރެންނަކީ ކުޑަ އިރުއްސުރެ ނަމާދަށް ފަރުވާތެރިކަން ބަހައްޓާ މީހަކީމެވެ. އަދި ނަމާދެއް އެޅުމަށް އަހަރެން ދުވަހަކު ވެސް ވިސްނާފައެއް ނުވާނެ އެވެ. އެހެންކަމުން ކޮންމެ ގޮތެއް ވީކަމުގައި ވިޔަސް އެ ދުވަހުގައި އަހަރެން ނަމާދު ދޫކޮށްލުމަކަށް ނުވިސްނަމެވެ. ހަގީގަތުގައި މިއީ (އެ އެއްޗެއް) އަހަރެންގެ ކިބައިން ކުރުމަށް އެދޭނެކަމަށް އަހަރެން ހީކުރި ކަހަލަ ކަމެއް ވެސް ނޫނެވެ.
އަހަރެން: ނަމާދު ދޫކޮށެއް ނުލެވޭނެ! މިއީ ކަލޭގެ ދާއިރާއިން ބޭރުގެ ކަމެއް. ނަމާދަށް ހުރަސް ނާޅާ!
އެއަށް ފަހު އޭގެ ތެރެއިން ބާރުގަދަ އަޑު ފައްގަނޑެއް ނިކުތުމަށްފަހު، އޭތި އެ އައިތަނަކަށް ރުޖޫޢަ ވެއްޖެއެވެ.
ދެން އަހަރެން އަނބުރާ ދިޔަ އިރު އަވައްޓެރިޔާ ވަނީ ވަރަށް ރުޅި ގަދަވެފަ އެވެ. އެއީ އެ ޝައިޠާނުންގެ ގާތަށް އެ އެއްޗެއްސަށް ކިޔަމަން ނުވާ މީހެއް ފޮނުވުމުން އެ އެއްޗެހި ރުޅި އައުމުންނެވެ.
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ނަމާދަކީ ފާޙިޝްކަންކަމާއި މުންކަރާތްތައް ކުރުމުން މީހުން ދުރުކޮށްދެނިވި އަޅުކަމެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެ އެވެ.
﴿إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ ﴾ (سورة العنكبوت:45)
މާނައީ: “ހަމަކަށަވަރުން ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެކެވެ.”
ވިސްނަވާށެވެ! އޭނާ އަކީ ނަމާދަށް ފަރުވާތެރިވާ މީހެއް ނޫން ނަމަ އެ ޝައިޠާނާގެ ބަހަށް ކިހާ ފަސޭހައިން ހެއްލޭނެ ހެއްޔެވެ؟ އަދި އޭގެ ބަހަށް މީހާ ހެއްލިއްޖެނަމަ ދެ ދުނިޔޭގެ ބާއްޖަވެރިކަން އޭނާއަށް ގެއްލުނީ އެވެ.
ނޯޓް: މިއީ ޝައިޚް އަޙްމަދު ޙުސައިންގެ ލިޔުއްވުމެކެވެ.