Last Updated: June 8, 11:51
Monday, June 8, 2026
މުނިފޫހިފިލުވުން

ޝޫޓިންއެއްގައި އައްޒަ އަށް ބޮޑު އަނިޔާއެއް!

ފާތުމަތު ނަހުލާގެ ވެބް ސީރީޒް "ހުވާ" ގެ ތިން ވަނަ ސީޒަންގެ ތެރެއިން ބަތަލާ މަރިޔަމް އައްޒަ އަށް ބޮޑު އަނިޔާއެއް ލިބިއްޖެ އެވެ.

އޭނަގެ އަނގަމަތި ފަޅައިގެން ގޮސް ވަރަށް ބޮޑަށް ވެސް ލޭ ފައިބާފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް އައްޒަގެ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އައްޒަގެ ދަތެއް ވެސް ބިންދައިގެން ގޮސްފައިވެ އެވެ.

އައްޒަގެ އަނގަމަތި ފަޅައިގެން ދިޔައީ އޭނަ އާއި އެކްޓަރު އަހުމަދު އީސަ (އާނަންދު) އެކީގައި ނަގަމުން ދިޔަ މަންޒަރެއްގެ ތެރެއިން އައްޒަ ކޮއްޕާލެވުނު ގޮތަކުން ވެއްޓި އެވެ. އައްޒަ އާއި އާނަންދަކީ ނަހުލާގެ މި އަހަރު ގެނެސްދިން "ސޮރީ" ގައި ވެސް މުހިއްމު ރޯލުތަކެއް ކުޅުނު ދެ ތަރިންނެވެ. އޭގެ ފަހުން އެ ދެ މީހުން އެކީގައި "ކަނބުލޮ" ފިލްމުން ވެސް ފެނިފައިވެ އެވެ.

ބޮޑު ކާސްޓެއް ހިމެނޭ "ހުވާ" ސީޒަންގެ ތިނެއްގެ ޝޫޓިން މި މަހުގެ ކުރީކޮޅުން ފެށިގެން ކުރިއަށްދާ އިރު، މިއީ ބައިސްކޯފާ ގުޅިގެން ހަދާ ސީރީކެވެ. ތިން ވަނަ ސީޒަން ޑައިރެކްޓްކުރަނީ ނަހުލާ އާއި އައްޒަގެ ދައްތަ ބަތަލާ އައިޝަތު ރިޝްމީ އެވެ.

"ހުވާ" އަކީ ބައިސްކޯފް 2018 ލޯންޗްކުރި އިރު، އެއަށް އެންމެ ފުރަތަމަ ގެނައި ސީރީޒެވެ. އޭގެ ފުރަތަމަ ދެ ސީޒަންގައި ޖުމްލަ 102 އެޕިސޯޑް ގެނެސްދީފައިވެ އެވެ. "ހުވާ" ޕްރީމިއާކުރީ އެ މަހުގެ 29 ގަ އެވެ.

ތިން ވަނަ ސީޒަން ގެނެސްދޭން ފަށާނެ އިރެއް އަދި ހާމައެއް ނުކުރެ އެވެ.

"ހުވާ" ގެ ޝޫޓިންގެ ތެރެއިން އައްޒަ އަށް އަނިޔާވި އިރު، އަންނަ މަހުގެ 5 ގައި ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ ކޮމެޑީ ފިލްމު "ކޮސް ގިނަ މިސްޓޭކް" އިން ވެސް އޭނަ ފެންނާނެ އެވެ.