Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

މީދު އަށް މިނިވަންކަން ލިބިއްޖެ: އައްދު

މީދޫގެ އިސްރަށްވެހިންތަކަކާ އެކު އައްދު.

އައްޑޫ ސިޓީ މީދޫއަށް މިނިވަންކަން ލިބިފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އައްޑު މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙްމާން (އައްދު) ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް އިއްޔެ ނެގި ވޯޓުގައި ހުޅުދޫ އާއި މީދޫ ރައްޔިތުން ވަނީ ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް ނިންމާފަ އެވެ. އަދި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް ފޭދޫއިން ވަނީ ނިންމާފަ އެވެ.

އެގޮތުން އައްޑޫ ކައުންސިލުން ވަކިވާން ފެންނަ ކަމަށް ހުޅުދޫގެ 723 މީހަކު ވޯޓު ދީފައިވާއިރު، ނުފެންނަ ކަމަށް ވޯޓު ދިނީ 329 މީހުންނެވެ. އަދި އައްޑޫ ކައުންސިލުން ވަކިވާން މީދޫގެ 847 މީހަކު ވޯޓު ދިންއިރު، ނުފެންނަ ކަމަށް ވޯޓު ދީފައިވަނީ 144 މީހުންނެވެ.

ވޯޓުގެ ނަތީޖާއާ ގުޅިގެން އައްދު ވިދާޅުވީ ނިމުމަކަށް މިއައީ 15 އަހަރު ވަންދެން ކުރަމުން އައި މަސައްކަތެއް ކަމަށާއި މި ނަތީޖާއާއެކު މީދޫ ރައްޔިތުން އުއްމީދުކުރި ތަރައްގީއާ ހަމައަށް ވާސިލުވުމަށް ވަރަށް ފަސޭހަވެގެންދާނެ ކަމަށެވެ. އެގޮތުން ރަށުގެ ކަންކަން ހަމަޖައްސަން ދައުލަތުން ވަކި ބަޖެޓެއް ލިބުމާއި ދައުލަތުގެ އިދާރާތަކާ ސީދާ މުއާމަލާތް ކުރެވޭ ގޮތް ވުމާއި ރައްޔިތުންނަށް ފައިދާވާ ގޮތަށް ރަށް ތަރައްގީ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އައްދު ވިދާޅުވި އެވެ.

އައްދު ވިދާޅުވީ މީދޫ ތަރައްގީ ކުރާނެ ގޮތުގެ ފޯމިއުލާ އެބައޮތް ކަމަށާއި ނަމަވެސް މިއަދާ ހަަމައަށް މީދޫ ރައްޔިތުން ބޭނުންވި ގޮތަށް ނުވެގެން އުޅެނީ މީދޫގެ ކަންކަން އެހެން ބަޔަކު ނިންމާތީ ކަމަށެވެ.

"ކޮންމެ ބަޔަކު ވެސް އެދޭނީ މިނިވަންކަން. އަޅުގަނޑު ގަބޫލުކުރަނީ މިއީ މީދު އަށް ލިބުނު މިނިވަން ދުވަސް ކަމަށް." އައްދު ވިދާޅުވި އެވެ.