Last Updated: June 6, 18:02
Saturday, June 6, 2026
ޚަބަރު

ފޭދޫ ރައްޔިތުންގެ ނިންމުމަށް އިހްތިރާމު ކުރަން: އިހްސާން

އައްޑޫ ސިޓީ ކައުންސިލާ ވަކިނުވާން ފޭދޫ ރައްޔިތުން އިއްޔެ ނިންމި ނިންމުމަށް ފުރިހަމަ އަށް އިހުތިރާމް ކުރައްވާ ކަމަށާއި އެދިވަޑައިގަންނަވަނީ އުފަން އަވަށަށް އަބަދު ވެސް ތަރައްގީ އާއި ކުރިއެރުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ފޭދޫގައި ވަކި ރަށު ކައުންސިލެއް ހަދަން ފެނޭތޯ އިއްޔެ ނެގި ފެންނަ ނުފެންނަ ވޯޓްގައި ކައުންސިލާ ވަކިވާން ކެމްޕޭން ކުރެއްވުމުގައި ފޭދޫގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންނަކީ އިހްސާނާއި އޭނަގެ ބައްޕަ، މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމްދީދީ (އައިބީ) އެވެ.

ނަމަވެސް އިހްސާން ވިދާޅުވީ ކެމްޕޭން ކުރެއްވީ މިނިސްޓަރެއްގެ ހައިސިއްޔަތުން ނޫން ކަމަށާއި ފޭދޫގެ ރައްޔިތެއްގެ ހައިސިއްޔަތު ކަމަށެވެ.

އިއްޔެގެ ވޯޓްގެ ނަތިޖާ އަށް ފަހު އިހްސާން އާންމުކުރެއްވި ބަޔާނެއްގައި ވަނީ ފޭދޫގެ މެޖޯރިޓީ ރައްޔިތުންގެ ނިންމުމަށް މަރުހަބާ ވެސް ވިދާޅުވެފަ އެވެ. އޭނަ ވިދާޅުވީ ފޭދޫގެ ރައްޔިތެއްގެ ހައިސިއްޔަތުން އަބަދު ވެސް ތަރައްގީ އަށް އެންމެ ރަނގަޅު ގޮތްތަކަށް އަބަދު ވެސް ވިސްނާވަޑައިގަންނަވާ ކަމަށެވެ.

"އެގޮތުން ރަށްތައް އެއްކޮށްގެން މަރުކަޒު ކުރެވިގެން އިދާރީ ހިންގުމުގެ ނިޒާމު އޮތުމަކީ ފޭދޫގެ ތަރައްގީ އަށް ހުރަސް އެޅޭ ކަމެއް ކަމަށް އަޅުގަނޑު އަބަދު ވެސް ދެކެން،" އިހްސާން ވިދާޅުވި އެވެ. "އެހެންވެ ރެފެރަންޑަމަކީ ފޭދޫގެ ކުރިމަގާ ބެހޭ ދާއިމީ ނިންމުމެއް ނިންމާ ރެފަރެންޑެެއްކަމުން ފަރުދީ ހައިސިއްޔަތުން ވަކާލާތުކޮށް، ފޭދޫގެ ރައްޔިތުންނާއި އަޅުގަނޑުގެ އަމިއްލަ ހިޔާލު ވާނީ ހިއްސާކޮށްފައި."

އޭނަ ވިދާޅުވީ ބޭނުންވެވަޑައިގަތް ގޮތަށް ވޯޓްގެ ނަތީޖާ ނުނިކުތް ނަމަވެސް ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކޮށް، ކުރިން ވެސް ހިދުމަތް ކުރައްވަމުން ވަޑައިގެންނެވި ގޮތަށް އާ ރޫހެއްގައި ފަރުދީ ހައިސިއްޔަތުން ސިޓީ ކައުންސިލާއި ރަށުގެ ކައުންސިލަރުންނާއި އައްޑޫގެ ހުރިހާ އަވަށްތަކުގެ ތަރައްގީ އާއި ކުރިއެރުމަށްޓަކައި ކުރެއްވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު އަބަދު ވެސް އެދެނީ ފޭދު އާއި އައްޑޫ ސިޓީ އަދި މުޅި ރާއްޖެ އަށް ވެސް އަދަށް ވުރެ ފަހި މާދަމައެއް." އިހްސާން ވިދާޅުވި އެވެ.

އިއްޔެ ނެގި ފެންނަ ނުގެންނަ ވޯޓްގައި ސިިޓީ ކައުންސިލާ ވަކިވާން ބޭނުން ނުވާ ކަމަށް ފޭދޫގެ 74.33 ޕަސެންޓް މީހުން ވޯޓް ދިނެވެ.
"