Last Updated: June 8, 11:51
Monday, June 8, 2026
މުނިފޫހިފިލުވުން

ރަޖްނީކާންތުގެ 'ޖެއިލާ 2' ގެ ރޯލަކަށް ވިދިއާ

އިންޑިއާގެ މަޝްހޫރު އެކްޓަރު ރަޖްނީކާންތުގެ ތަމަޅަ ފިލްމު "ޖެއިލާ 2" ގެ ރޯލަކަށް ބޮލީވުޑްގެ ބަތަލާ ވިދިއާ ބާލަން ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ އެ ފިލްމުގައި އޭނަ ވަރުގަދަ، ބޮޑު ރޯލެއް ކުޅޭނެ ކަމަށާއި ވިދިޔާ ކުޅޭނީ އޭގެ މައި ވިލަންގެ ރޯލު ކުޅޭ މިތުން ޗަކްރަބަރީގެ ދޮށީ ދަރިފުޅުގެ ރޯލު ކަމަށެވެ.

ނަމަވެސް "ޖެއިލާ 2" އަށް ވިދިއާ ނެގިކަން ފިލްމުގެ ޓީމުން އަދި ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.

ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ވިދިއާ ކުރިން ވެސް ތަމަޅަ ފިލްމެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ ކުރީގެ ބަތަލާ ސްރީދޭވީގެ ފިރިމީހާ ބޯނީ ކަޕޫރް ޕްރޮޑިއުސްކޮށް 2019 ގައި ގެނެސްދިން ލީގަލް އެކްޝަން ޑްރާމާ "ނެރްކޮންޑާ ޕާރްވާއީ" ގަ އެވެ.

އޭގައި ވިދިއާ ފެނިފައި ވަނީ ހާއްސަ ފެނިލުމެއްގަ އެވެ.

ޗެންނާއީގައި މިހާރު "ޖެއިލާ 2" ގެ ޝޫޓިން ކުރިއަށްދާ އިރު، މިއީ 2023 ގައި ޑައިރެކްޓަރު ނެލްސަން ގެނެސްދިން އެކްޝަން ކޮމެޑީގެ ދެވަނަ ބައެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ޖެއިލާ" ގެ ކާސްޓްގައި ރާމިއާ ކްރިޝްނަން، ތަމަންނާ ބާޓިއާ، ވަސަންތު ރަވީ އަދި ޔޮގޭޝް ބާބޫ ފަދަ މަޝްހޫރު ފަންނާނުން ހިމެނެ އެވެ.

"ޖެއިލާ 2" ބެލުންތެރިންނަށް އަންނަ އަހަރު ގެނެސްދޭނެ އެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމެ އެވެ.

ރަޖްނީކާންތުގެ ފިލްމަކުން ވިދިއާ އަށް ފުރުސަތު ލިބުނު އިރު ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ހުނަރުވެރި ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 3" އެވެ.