ރައީސް ކަމަށް އަދިވެސް ކުރިމަތިލައްވާނެ ކަމަށާއި ކޮންމެވެސް ދުވަހަކުން އެކަން ކާމިޔާބުވާނެކަމުގެ އުންމީދު ވެސް އޮތް ކަމަށް އެމެރިކާގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރެއްވި ކަމަލާ ހެރިސް ވިދާޅުވެއްޖެ އެވެ.
އޭނަ ވެރިކަމަށް ކުރިމަތިލެއްވި އިރު ހުންނެވީ ނައިބު ރައީސްގެ މަގާމުގަ އެވެ. އަދި ވެރިކަމަށް ކުރިމަތިލައްވަން ފުރުސަތު ލިބިވަޑައިގަތީ ކުރިން އިންތިހާބަށް ވާދަކުރައްވަން ނިންމެވި އޭރުގެ ރައީސް ޖޯ ބައިޑެން އުމުރުން ދުވަސްވުމާއި އޭނަ އަށް ސިއްހީ އެކި ކަހަލަ ދިމާވެފައިވާތީ ޕާޓީގެ ތެރެއިން ކުރިމަތިވި ފިިއްތުންތަކާ ވެސް ހެދި އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމަވައި ކަމަލާ އަށް އެ ފުރުސަތު ދެއްވުމުންނެވެ.
ނަމަވެސް ކަމަލާ އަށް އިންތިހާބު ނާކާމިޔާބުވަޑައިގަތީ 2016-2020 އަށް ވެސް ރައީސްކަން ކުރެއްވި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕާ ވާދަކުރައްވަ އެވެ.
ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ކަމަލާ ވިދާޅުވީ އެމެރިކާގެ ރައީސްގެ މަގާމުގައި އަންހެން ބޭފުޅަކު ހުންނަވާ ތަން ދެކެވަޑައިގަންނަވަން ބޭނުންވާ ކަމަށެވެ. އެހެންވެ އެކަމަނާ އަދިވެސް އިންތިހާބަކަށް ވާދަ ކުރެއްވުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވި އެވެ.
އަދި 2028 ގެ އިންތިހާބަށް ކަމަލާ ނުކުންނެވުމުގެ ފުރުސަތު ވެސް ބޮޑެވެ. ނަމަވެސް އެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ސީދާ ވިދާޅެއް ނުވެ އެވެ.

"ވަރަށް ބޭނުންވޭ ވައިޓް ހައުސް އަށް އަންހެން ބޭފުޅަކު ވަޑައިގަންނަވަން. އެހެންވެ އަހަރެން ކުރަން ހުރި މަސައްކަތްތައް އަދި ނުނިމޭ،" ކަމަލާ، 61، ވިދާޅުވި އެވެ. "އަހަރެންގެ މުޅި ހަޔާތުގައި ވެސް އުޅުނީ ގައުމީ ހިދުމަތުގައި. އަދި އެއީ ކަށީގައި ހިފާފައިވާ ވެސް އޮތް ކަމެއް."
ދެން އޮންނަ ރިޔާސީ އިންތިހާބެއްގައި ޑިމޮކްރެޓީ ޕާޓީގެ ފަރާތުން އިންތިހާބަށް ނުކުންނާނެ ކަމަށް ބެލެވެނީ ޕާޓީގެ ތެރެއިން ފުރުސަތު ދޭ މުޅިން އެހެން "އާ މޫނެއް" ކަމަށް ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ކަމަށް ބުނާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ކަމަލާ ވިދާޅުވީ އެފަދަ އެފަދަ ވޯޓްތަކަކީ ގަބޫލު ކުރައްވާ އެއްޗެއް ނޫން ކަމަށެވެ.