އައްޑޫ މީދު އާއި ހުޅުދޫ ސިޓީ ކައުންސިލާ ވަކިވެ، އެ ދެ ތަނުގައި ރަށު ކައުުންސިލް ހަދަން ފެންނަ ކަމަށް ރައްޔިތުން ނިންމުމުން އައްޑޫގެ އިދާރީ ހިންގުން ބައިބައިވުމަކީ އެއްވެސް މައްސަލައެެއް ނޫން ކަމަށް މީދޫ ކައުންސިލަރު އައިމިނަތު ސާލިއާ ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން މީދު އާއި ހުޅުދޫ ބޭނުންވި ގޮތަށް ނަތީޖާ ނުކުތުމާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ ވިދާޅުވީ މި ވަކިވުމަކީ ގުދުރަތީ ނިޒާމްގެ ތެރެއިން ވަކިވެފައި އޮތް ދެ ތަނެއް އިދާރީ ގޮތުން އެއްކޮށްގެން ކުރިއަށް ގެންދިއުމުގައި ހުރި ގިނަ ގޮންޖެހުންތަކެއްގެ ނަތީޖާ ކަމަށެވެ.
"އައްޑޫ ސިޓީ ކައުންސިލުން ހުޅުދޫ މީދޫ ވަކިވުމަކީ، އައްޑޫ ބައިބައިވުމެއް ނޫން،" ސާލިހާ ވިދާޅުވި އެވެ. "މިއީ ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުގެ ދަށުން ހިންގުމުގެ ޤާނޫނީ ނިޒާމްގެ ތެރެއަށް އިޢާދަވުން."
އޭނަ ވިދާޅުވީ އައްޑޫ ތަރައްގީ އަށް ކުރެވޭ ކޮންމެ އަޑުއުފުލުމެއްގައި ކޮންމެ "ކަލެކްޓިވް ބާގެއިންއެއްގައި" މީދޫގެ ރައްޔިތުން އެންމެ ކުރީ ސަފުގައި ތިބޭނެކަމުގެ ޔަގީންކަން ވެސް ދެއްވާ ކަމަށެވެ.
ސާލިހާ ވިދާޅުވީ އިއްޔެ ވޯޓްގައި މީދޫ ރައްޔިތުން ދެއްކީ ވަޠަނީ ރޫޙް ކަމަށެވެ.
"ރަށުގެ ތަރައްގީ އަށް އަތުކުރި އޮޅާލަމާ ހިނގާށޭ. އޭރުން އިރާދަ ކުރެއްވިއްޔާ ކުޑަ ދުބާއީއަށް ކުރަން ޖެހޭ ދަތުރު ކުރުވެފައި ކާމިޔާބުވާނެ." އޭނަ ވިދާޅުވި އެވެ.
ހުޅުދު އާއި މީދޫ ސިޓީ ކައުންސިލާ ވަކިވާން ނިންމުމުން މޭޔަރު އަލީ ނިޒާރު ވަނީ އިދާރީ ހިންގުން ރޫޅިގެން ދިއުމަކީ ލިބުނު ހިތްދަތި ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
އޭނަ ވިދާޅުވީ މި ހާލަތަކީ ދެކެން ބޭނުންވި ހާލަތެއް ނޫން ކަމަށާއި ނަމަވެސް މީދު އާއި ހުޅުދޫ ރައްޔިތުންގެ ނިންމުމަށް އިޚްތިރާމްކޮޑް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މިއީ އެ ދެ އަވަށް އިދާރީ ގޮތުން ވަކިވުމަކީ އެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކަކަށް ނިމުން ގެނުވާނެ ނިންމުމެއް ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.