Last Updated: June 6, 18:02
Saturday, June 6, 2026
ޚަބަރު

ސިނގިރެޓް ވައްކަން: އިތުރު 3 މީހެއްގެ ވަނަވަރު އާންމުކޮށްފި

ވަގަށް އެތެރެކުރުމުން ކަސްޓަމްސް އިން ހިފަހައްޓައި ހުޅުމާލޭ ޕޯޓްހައި ބަހައްޓާފައި ހުއްޓައި ވަގަށް ނެގި ދެ ސިނގިރޭޓް ކޮންޓެއިނަރުގެ މައްސަލައިގައި ހުކުރު ދުވަހު ހައްޔަރުކުރި ތިން މީހުންގެ ވަނަވަރާއި ފޮޓޯ ފުލުހުން އާންމުކޮށްފި އެވެ.

އެ ތިން މީހުންނާ އެކު އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ އަދަދު މިހާރު ވަނީ 9 އަށް އަރައިފަ އެވެ.

ފަހުން ހައްޔަރުކުރި ތިން މީހުންނަކީ ހދ. ވައިކަރަދޫ، ނޫރަލީގޭގެ އަހްމަދު ޝަހީމް، 42، އާއި އައްޑޫ ހިތަދޫ، ޗާންދަނީގޭ 42 ،
ހުސައިން ސާމިހް، 35، ގެ އިތުރުން ހ. ރުމޭމިއާ، މާލެ، އަހްމަދު ފިރުސާން، 35، އެވެ.

މި ތިން މީހުންނަކީ ވެސް އެމްޕީއެލްގެ މުވައްޒަފުންނެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ޝަހީމާއި ސާމިހު 7 ދުވަހަށް އަދި ފިރުސާން 5 ދުވަހަށް ބަންދުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، އެ މައްސަލައިގައި ކުރިން ހައްޔަރުކުރި މުހައްމަދު ވަހީދު (ދިގަލި) ގެ ބަންދާ މެދު ގޮތެއް ނިންމުމަށް ދެވަނަ ފަހަރަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވެ އެވެ.

ފުލުހުން މިމަހުގެ 22 ގައި ބުނެފައި ވަނީ ވަގަށް ގެންދިޔަ ކޮންޓެއިނަރުގެ ބައިތައް ފެނިފައިވާ ކަމަށާއި އެތަކެތި ފެނުނީ މިދިޔަ އާދިއްތަ ދުވަހު ތިލަފުށީގެ ތަންތަން ބަލައިފާސްކުރުމަށް ހިންގި އޮޕަރޭޝަންގެ ތެރެއިން ކަމަށެވެ.

އެ މައްސަލައިގައި ދިގަލި ވަހީދާއެކު ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ލޮޓަސް ކުންފުނީގެ ވެރިޔާ އަހުމަދު އާރިފާއި ހުޅުމާލޭ ޕޯޓުގައި މަސައްކަތްކުރާ ކަސްޓަމްސްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލުގެ އިތުރުން ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިޑެންޓެއް ކަމަށްވާ އަދި މިހާރު މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުން މިހާރު ސަސްޕެންޑުކޮށްފައިވާ މުއާޒު އަލީއެވެ.

އޭގެ ފަހުން ހައްޔަރުކުރީ ކ. ތުލުސްދޫ، ލިންކް، ހަސަން އަބްދުއްރަހްމާން، 52، އާއި ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު 54، އެވެ.

ގެއްލިފައިވަނީ 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13،600،000 ސިނގިރޭޓެވެ. އޭގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި 100 މިލިއަން ރުފިޔާ އަށް ވުރެ ބޮޑެވެ.