ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ޔޫސުފް ޝަފީއު (ޔޫއްޕެ) އަލީ ސީޒަން އަކީ ބޮޑު ދެ ވަގުން ކަމަށް މަޝްހޫރު ބަތަލާ އައްޒަގެ ފިރިމީހާ އެކްޓަރު އަބްދުﷲ މުއާޒް (މުއާ) ބުނެފި އެވެ.
އޭނަ ފޭސްބުކް ޕޯސްޓެއްގައި އެ ދެ މީހުންނަށް ވަގަށް ގޮވުމާ އެކު، އެއަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވެސް ލިބިފައިވެ އެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ ޔޫއްޕެ އާއި ސީޒަނަށް މުއާ ވަގަށް ގޮވާފައި މި ވަނީ އެ ދެ ތަރިން އެކީގައި ފެންނާނެ ފިލްމެއް އަންނަ މަހު އޮލިމްޕަހަށް ގެނެސްދޭން ތައްޔާރުވަމުން ދަނިކޮށްކަމެވެ.
އެއީ އަންނަ މަހުގެ 5 ގައި ޕްރީމިއާ ކުރަން ނިންމާފައިވާ ކޮމެޑީ "ކޮސް ގިނަ މިސްޓޭކް" އެވެ. މި ފިލްމަކީ ޔޫއްޕެގެ ސްކްރީންޕްލޭއަކަށް ސީޒަން ޑައިރެކްޓްކުރި ފިލްމެކެވެ. އެ ދެ ތަރިންނާ އެކު "ކޮސް ގިނަ މިސްޓޭކް" އިން ބޮޑު ކާސްޓެއް ވެސް ފެންނާނެ އެވެ.
ޔޫއްޕެ އާއި ސީޒަނަށް މުއާ ވަގަށް ގޮވުމާ ގުޅިގެން އެ ފިލްމުގެ އެއް ޕްރޮޑިއުސަރު ކަމަށްވާ ޝާނީޒް އަލީ ކުރި ކޮމެންޓެއްގައި "ސޯޝަލް މީޑިއާގައި އެކަކު އަނެކަކަށް ވަގަށް ގޮވުމަކީ ދެރަކަމެއް" ކަމަށާއި "ބަސް އަހައިގެން އުޅޭ" ށޭ ބުނެފައިވެ އެވެ.
ކޮންމެއަކަސް މުއާގެ މި ވަގަށް ގޮވުމަކީ "ކޮސް ގިނަ މިސްޓޭކް" ގެ ޕްރޮމޯޝަނަލް "ސްޓަންޓެއް" ކަމަށް ގަބޫލުކުރެވެ އެވެ. އެހެންވެ މިއީ ހަމަ އެކަހަލަ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ކޮމެންޓްކޮށްފައިވާ އިރު، މުއާ ވަނީ އޭނަ ޔޫއްޕެ އާއި ސީޒަނަށް ވަގަށް ގޮވީ ކީއްވެގެން އަންނަ މަހުގެ 5 ގައި އެނގޭނެ ކަމަށް ވެސް ކޮމެންޓެއްގައި ބުނެފަ އެވެ.