ހުޅުމާލެ ފޭސް 1ގެ އިންޑަސްޓްރިއަލް ސަރަހައްދުގައި ހިންގާ ގަރާޖުތަކުން ޤަވާއިދާ ޚިލާފަށް އުޅުނު 14 ބިދޭސީން ހައްޔަރުކޮށްފި އެވެ.
އިމިގްރޭޝަނުން މިއަދު އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ޓާސްކްފޯސްއިން އިއްޔެ ހަވީރު ވަނީ ހުޅުމާލެ ފޭސް 1ގެ އިންޑަސްޓްރިއަލް ސަރަހައްދުގައި ހިންގާ ގަރާޖުތައް ބަލައި ފާސްކޮށްފަ އެވެ. އެގޮތުން، ޖުމްލަ 69 ބިދޭސީއަކު ޗެކްކޮށް، އޭގެތެރެއިން ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 14 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން މިހާރު ވަނީ ފަށާފަ އެވެ.
ޤަވާއިދާ ޚިލާފަށް 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު ދަނީ އިތުރުވަމުންކަން ފާހަގަކޮށް އިމިގްރޭޝަނުން ވަނީ އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ދާދި ފަހުން ވަނީ ބުނެފަ އެވެ.
މި މަސައްކަތްތަކުގެ މަގްސަދަކީ ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ކަންކަން ހަރުދަނާކޮށް، ޤާނޫނާ އެއްގޮތަށް އެމީހުންގެ އަމަލުތައް ބައްޓަންކުރުމާއި އަދި މިކަމުގެ ސަބަބުން ޤައުމުގެ އިގްތިސާދަށާއި އިޖްތިމާއީ ރައްކާތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެހެންކަމުން ބިދޭސީ މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކުންނާއި، އާންމު ރައްޔިތުން މިކަމުގައި ޒިންމާދާރު ގޮތެއްގައި އަމަލުކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.