Last Updated: July 3, 20:48
Friday, July 3, 2026
ޚަބަރު

އދ. އިން ފުލުހުންނަށް ފޮރެންސިކް އާލާތްތަކެއް ހަދިޔާކޮށްފި

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފޮރެންސިކް އަދި ތަހުގީގީ ގާބިލުކަން އިތުރުކުރުމަށްޓަކައި ޒަމާނީ ފޮރެންސިކް އާލާތްތަކެއް ހަދިޔާކޮށްފި އެވެ.

މި ރަސްމިއްޔާތުގައި، ޔޫއެންއޯޑީސީއިން ފަސް ފްރެޑް ސިސްޓަމާއި، ހަތަރު ރަމާން ސްޕެކްޓްރޮސްކޮޕިކް ޑިވައިސް ހަވާލުކޮށްފައިވެ އެވެ.

ފުލުހުން ބުނީ މި އާލާތްތަކުގެ ތެރޭގައި ހިމެނޭ ފްރެޑް ސިސްޓަމްތަކަކީ ޑިޖިޓަލް ހެކި ހޯދުމަށާއި ތަހުލީލުކުރުމަށް ބޭނުންކުރެވޭ އެންމެ ފުރިހަމަ އާލާތްތަކުގެ ތެރެއިން އާލާތްތަކެއް ކަމަށެވެ. އަދި ރަމާން ސްޕެކްޓްރޮސްކޮޕިކް ޑިވައިސްތަކަކީ މަސްތުވާތަކެއްޗާއި އެހެނިހެން ނުރައްކާތެރި މާއްދާތައް އަވަހަށް ދެނެގަތުމަށް ބޭނުންކުރެވޭ އާލާތްތަކެއް ކަމަށް ފުލުހުން ބުންޏެވެ.

ދިވެހި ފުލުހުންގެ ޚިދުުމަތުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގަތުމަށް ފަހު ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހިންގުމުގެ ގާބިލުކަން އިތުރުކުރުމަށް ޔޫއެންއޯޑީސީން ދެމުންގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ޒަމާނީ އާލާތްތަކުން މުޅި ރާއްޖޭގައި ފުލުހުންގެ ފޮރެންސިކް އަދި ތަހުގީގީ މަސައްކަތް ވަރަށް ބޮޑަށް ހަރުދަނާވެގެންދާނެ ކަމަށް ވިދާޅުވި އެވެ.