އަންނަ މަހު އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ފިލްމު "ލިލީ" ގެ ރަސްމީ ޓްރެއިލާ އާންމުކޮށްފި އެވެ.
މި ފިލްމަކީ ޒުވާން ޑައިރެކްޓަރު އަޒްހާން އިބްރާހީމް ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ ދެވަނަ ފީޗާ ފިލްމެވެ. "ދަރަކަ" އާއި "މިރާއީ" ސީރީޒް ގެނެސްދިން ޑައިރެކްޓަރުގެ ފުރަތަމަ ފީޗާ ފިލްމަކީ މިދިޔަ އަހަރުގެ "މީ އިޝްގް" އެވެ.
އެ ފިލްމާ ހިލާފަށް އަޒްހާން މި ފަހަރު ގެނެސްދެނީ ވަރަށް ސީރިއަސް ވާހަކައެއް ކިޔައިދޭނެ ކްރައިމް ތުރިލާއެކެވެ. "ލިލީ" ގެ ޕްލޮޓް އެނބުރެނީ ލިލީ ކިޔާ ޒުވާން އަންހެނެއްގެ ވަށައިގެންނެވެ. ފިލްމުގެ ޓައިޓްލް ރޯލުން ފެންނާނީ އަރަމުން އަންނަ ޒުވާން ބަތަލާ އައިޝާ އަލީ އެވެ.
ކްރިއޭޓިވް ނެޓްވޯކްގެ ފުރަތަމަ ފިލްމުގެ ގޮތުގައި ގެނެސްދޭ "ލިލީ" ގެ ކާސްޓްގައި އަހުމަދު ޝާރިފާއި މަރިޔަމް ޝިމާ އާއި މުހައްމަދު އިޝްފާންގެ އިތުރުން ތަޖުރިބާކާރު ތަރިންތަކެއް ކަމަށްވާ އަހުމަދު ނިމާލާއި އަލީ ފާރޫގާއި އޭނަގެ އަންހެނުން މަރިޔަމް ހަލީމް ވެސް ހިމެނެ އެވެ.
ތަފާތު ގޮތަކަށް މިހާތަަނަށް ޕްރޮމޯޝަނަލް ގިނަ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވާ "ލިލީ" އޮލިމްޕަހަށް ގެންނަން ނިންމާފައި ވަނީ އަންނަ މަހުގެ 20 ގަ އެވެ.
މި ފިލްމާ ބެހޭ ވަރަށް ގިނަ މައުލޫމާތު މިއަށް ހާއްސަކޮށްފައިވާ ވެބްސައިޓް lilythemovie.com އިން ވެސް ހޯދޭނެ އެވެ. ފިލްމުގެ ޓިކެޓަށް ވެސް އޮތީ ދުރާލައި ހުޅުވާލައިފަ އެވެ.