Last Updated: June 8, 11:51
Monday, June 8, 2026
ޚަބަރު

އައްޑޫ ބްރިޖްގެ ކޮންސަލްޓަންސީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

އައްޑޫ ހިތަދު އާއި ހުޅުމީދުއާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖްގެ ކޮންސަލްޓަންސީ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން އެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓީވައި ލިން އިންޓަނޭޝަލްއާ އެވެ.

އެ ކުންފުންޏާ އެކު ސޮއި ކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިވެ. ޓީވައި ލިން އިންޓަނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް ޗެން ޒިއާހޫ އެވެ.

މިނިސްޓްރީން އައްޑޫގެ ބްރިޖްގެ ކޮންސަލްޓަންސީގެ މަސައްކަތުގެ ތެރެއިން ސާވޭ އާއި ޑިޒައިން ހެދުމާއި ބްރިޖާ ގުޅޭ ޓެކްނިކަލް ވަރަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

"ފުރިހަމަ ފީސިބިލިޓީ ސްޓަޑީއަކާއެކު ކުރިއަށް ގެންދާނީ. ބަލާނަން އެކި އޮޕްޝަންތައް. ފްލޯޓިން ބްރިޖެއް އަޅާނީތޯ. އާއްމުކޮށް މި އަޅާކަހަލަ ސީ ކްރޮސިން ބްރިޖެއްތޯ ނުވަތަ ޓްރާންސިޓް ޓްރެއިން ސިސްޓަމެއްތޯ،" މުއްތަލިބް ވިދާޅުވި އެވެ. "އިޤްތިޞާދީ ގޮތުން އަދި ޓެކްނިކަލްގޮތުން އެންމެ ފައިދާ ހުރި ގޮތެއް ބަލާފައި ސަރުކާރުން ދެން ގޮތެއް ނިންނާމީ. އެހާ ހިސާބުން ޓެންޑަރިން އަށް ގެންދާނީ."

އައްޑޫ ހުޅުދޫ-މީދު އާއި ހިތަދުއާ ދެމެދު ބްރިޖެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެގޮތުން ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވެ އެވެ. ނަމަވެސް ސަރުކާރަށް ދެ އަހަރު ވާން ގާތްވެފައިވާ އިރު، މި ބްރިޖާ ގުޅޭ މާ ބޮޑު މަސައްކަތްތަކެއް ސަރުކާރުން މިހާތަނަށް މާ ބޮޑު އިސްކަމެއް ދީގެން ކޮށްފައެއް ނުވެ އެވެ.

ނަމަވެސް ބްރިޖް މަޝްރޫއަށް ބޭނުންވާ ސާވޭތަތަކެއް ކުރުމަށް މިސްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާ، މިދިޔަ އަހަރުގެ ފެބްރުއަރީ 19 ގައި ހަވާލުކޮށްފައިވެ އެވެ.

އެކަމަށް މިދިޔަ އަހަރު 30 މިލިއަން ރުފިޔާ ބަޖެޓްކޮށް ސާވޭގެ ބައެއް މަސައްކަތްތަކެއް ވެސް ކުރި އެވެ. އެގޮތުން ބްރިޖްގެ ފުރަތަމަ ޑިޒައިން ހެދުމަށް ބޭނުންވާ ސާވޭގެ މަސައްކަތް އަރަބް ކޮންޓްރެކްޓާސް ގްރޫޕުން ނިންމީ މިދިޔަ އަހަރުގެ މާޗު މަހު ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

އަރަބް ކޮންޓްރެކްޓާސްއާ އެކ ހެދި އެއްބަސްވުމާ ގުޅޭ ގޮތުން މިނިސްޓަރު މިއަދު ވިދާޅުވީ ސާވޭ ނިންމައި، އެ ކުންފުންޏަށް ޕްރޮޕޯސަލަކާ ހަމައަށް އައިސް މަސައްކަތް ފެށޭވަރަށް މާލީ ކަންކަން ހަމަޖައްސާ މަސައްކަތް ކުރިއަށްގެންދެވިފައި ނުވާ ކަމަށެވެ.

އެހެެންވެ ކޮންސަލްޓަންސީ އެހެން ކުންފުންޏަކާ ހަވާލު ކުރަން ޖެހުނީ ކަމަށް ވިދާޅުވި އެވެ.

"އިނީޝިއަލް އެސެސްމަންޓް ހަދާފައި، އެއެމްއޯޔޫ އެހެން ހިސާބަކަށް ގެންދެވޭވަރަށް އެ މީހުންނަށް މަސައްކަތް ކުރިއަކަށް ނުގެންދެވުނު. އެހެންވީމަ މި ނިންމީ ބިޑްކުރުމާ ހަމައަށް ގެންދެވޭ ވަރަށް މުހިންމު މަސައްކަތްތައް ވަކިން ކުރުމަށް،" މުއްތަލިބް ވިދާޅުވި އެވެ. "ސާވޭ އާއި ޑިޒައިން އަދި ފީސިބިލިޓީގެ މަސައްކަތް ގެންދަން ކޮންސަލްޓަންޓަކާ ހަވާލުކޮށްގެން."

އޭނަ ވިދާޅުވީ މި މަސައްކަތަށް އާ ކޮންސަލްޓަންޓެއް ނެގީ ފިނޭންސް އުސޫލުތަކާ އެއްގޮތަށް އަދި ކަމަށް އެންމެ ޤާބިލު ކުންފުނި ކަނޑައަޅައިގެންކަމަށެވެ. އަދި ޓީވައި ލިން އަކީ ބްރިޖް އެޅުން ފަދަ މަސައްކަތުގައި ވަރަށް ތަޖުރިބާ ހުރި ކުންފުންޏެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބްރިޖް މަޝްރޫއު ކުރިއަށް ގެންދާނީ އައްޑު އަށް އެންމެ ފައިދާވާނެ ގޮތަށް ކަމަށެވެ.

އެގޮތުން ތިން މަރުހަލާއަކަށް ބަހާލައިގެން މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ރައްޔިތުންނާ ވެސް ބައްދަލުކޮށް މަޝްވަރާ ހޯދާނެ އެވެ.

މި މަސައްކަތް ހަވާލުކުރީ 1،025،000 ޑޮލަރަށެވެ. މަސައްކަތް ހަވާލުކޮށްފައި ވަނީ 6 މަސް ދުވަހުން ނިންމާ ގޮތަށެވެ.

އައްޑޫ ބްރިޖްގެ ކޮންސަލްޓަންސީ މަސައްކަތް މިއަދު ޗައިނާގެ ކުންފުންޏަކާ ހަވާލުކުރި، އައްޑޫގެ މީހުން ދިރިއުޅޭ އެހެން އަވަށްތަކާ ވަކިން އޮންނަ ހުޅުދޫ-މީދޫ އައްޑޫ ސިޓީ ކައުންސިލާ ވަކިވާން އިއްޔެ ވަނީ ނިންމައިފަ އެވެ. އެގޮތަށް ނިންމީ އެކަމަށް ފެނޭތޯ ބެލުމަށް ނެގި ފެންނަ ނުފެންނަ ވޯޓްގަ އެވެ.