ދުޢާ އަކީ އެންމެ މަތިވެރިވެގެންވާ އަދި އެންމެ މާތް އަޅުކަންތަކުގެ ތެރެއިން ހިމެނޭ އަޅުކަމެކެވެ. އަދި އަޅާ އާއި އޭނަގެ ވެރިއިލާހު އެންމެ ކުއްތަންކުރުވަނިވި އެއް ޢަމަލެވެ. ދުއާ ކުރުމުގައި އަޅާ އަތް އުފުލުމުން އޭނަގެ ނިކަމެތިކަން ދައްކައިދޭ ފަދައިން، ކީރިތިވަންތަ ﷲ ގެ މަތިވެރިކަން އަންގައިދެ އެވެ.
އެގޮތުން ދުޢާކުރުމުގައި ތަފާތު އަދަބުތަކެއް ވެއެވެ. އަޅާ އަތް އުފުލައިގެން ދުޢާކުރުމީ ދުޢާކުރުމުގެ އަދަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަދި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލަހިވަސައްލަމްގެ ސުންނަތްތަކުގެ ތެރެއިން މުސްތަޙައްބުވެގެންވާ ކަމެކެވެ. އަނަސްގެ ފާނުގެ ކިބައިން ރިވާވެގެން ވެއެވެ.
”رَأَيتُ رَسُولَ اللهِ صَلَّى اللهُ عَلَيهِ وَسلَّم يَرْفَعُ يَدَيْهِ فِي الدُّعَاءِ حَتَّى يُرَى بَيَاضُ إِبْطَيْهِ”
މާނައީ: ރަސޫލާ ޞައްލަﷲ ޢަލަހިވަސައްލަމް އެކަލޭގެފާނުގެ ކިހިލިފަތުގެ ދޮންކަން ފެނިއްޖެއުމަށް ދާންދެން އަތްއުފުއްލަވައިގެން ދުޢާކުރައްވަނިކޮށް ތިމަންކަލޭގެފާނު ދުށީމެވެ.” އަދި ދުޢާކުރާއިރު އަތް އުފުލުމަކީ ދުޢާ އިޖާބަކުރުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. ޞައްޙަ ހަދީޘެއްގައި ވެއެވެ.
“إِنَّ اللهَ حَيِيٌّ كَرِيمٌ يَسْتَحِيي إِذَا رَفَعَ الرَّجُلُ إِلَيهِ يَدَيهِ أَنْ يَرُدَّهُمَا صِفْراً خَائِبَتَيْنِ “(أحمد)
މާނައީ ”ﷲ ތަޢާލާ އަކީ ލަދުވެތިވެވޮޑިގަންނަވާ ދީލަތިވަންތަ އިލާހެވެ. މީހަކު ދުޢާކުރާއިރު އަތް އުފުލައިފި ނަމަ އޭނާ ހުސްއަތާ ރައްދުކުރެއްވުމަށް ﷲ ތަޢާލާ ލަދުވެތިވެވޮޑިގަންނަވަ އެވެ.
ދުޢާކުރާ އިރު އަތް ނުއުފުލާ ދުޢާކުރާ ނަމަ މޫނުގައި އަތް ފިރުމަކީ ނެތް ކަމެއް ކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނެތެވެ. ނަމަވެސް ޚިލާފު އުފެދިފައި ވަނީ ދުޢާކުރަން އަތްއުފުލުމަށް ފަހު މޫނުގައި ދެއަތް ފިރުމުމާ މެދުގައެވެ. މިކަމާ ބެހޭ ގޮތުން ވާރިދުވެފައިވާ ޙަދީޘްތައް ތިރީގައި ބަޔާންކޮށްލާނަމެވެ.
1. އިބުނު ޢުމަރުގެ ޙަދީޘާއި ޢިބުނު ޢައްބާސްގެ ޙަދީޘް
عن عُمَرَ بْنِ الْخَطَّابِ قَالَ : كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ” إِذَا مَدَّ يَدَيْهِ فِي الدُّعَاءِ لَمْ يَرُدَّهُمَا حَتَّى يَمْسَحَ بِهِمَا وَجْهَهُ.
މާނައީ: ﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިވަސައަލަމް ދުޢާކުރައްވަން އަތްއުފުއްލަވައިފިނަމަ މޫނުގާ އަތްފިރުމާލުމަށްފަހު މެނުވީ އަތްތިރި ނުކުރައްވައެވެ. (މި ޙަދީޘަކީ ސުނަނުގެ ތިރްމިޛީގައިވާ ޙަދީޘެކެވެ.) މިޙަދީޘާއި މެދު ތިރްމިޛީ ވިދާޅުވަނީ މިއީ ޣަރީބު ޙަދީޘެއްކަމަށެވެ. ތިމަންނަމެނަށް ޙައްމާދު ބުނު ޢީސާގެ އަރިހުން މެނުވީ މި ޙަދީޘެއް ނޭގެއެވެ. އޭނައާއި މެދު ވަނީ ވާހަކަ ދެކެވިފަ އެވެ.
ތަޤްރީބުގައި ވަނީ ޙައްމާދު ބުނު ޢީސާ ޟަޢީފުކޮށްފަ އެވެ.
އަލްޙާފިޟް އިބުނު ޙަޖަރު ވިދާޅުވަނީ މިޙަދީޘަށް އަބޫ ދާވޫދުގައިވާ އިބުނު ޢައްބާސްގެ ޙަދީޘުން ހެކިތަކެއްވާ ކަމަށެވެ. (އިބުނު މާޖާ އަދި އަލްޙާކިމްގައި ވެސް މި ޙަދީޘްވެ އެވެ ޞާލިޙް ބުނު ހައްސާންގެ ފަރާތުން މުޙުއްމަދު ބުނު ކަޢުބުގެ ފަރާތުން ޢިބުނު ޢައްބާސްގެ ފަރާތުން ރިވާވެގެން ވެއެވެ. މި ޙަދީޘުގެ ސަނަދަކީ ބަލިކަށި ސަނަދެކެވެ. މި ޙަދީޘުގައިވާ ރާވީ އިބުނު ޙައްސާން އަކީ މުންކަރުލް ޙަދީޘެކެވެ.)
2. ސާއިބު ބުނު ޔަޒީދު އޭނަގެ ބައްޕަގެ ފަރާތުންރިވާކުރައްވާ ޙަދީޘް
عن السائبِ بنِ يزيدٍ عن أَبِيه أَنَّ النبيَّ صلى الله عليه وسلم كَانَ إِذَا دَعَا فَرَفَعَ يَدَيهِ مَسَحَ وَجْهَهُ بِيَدَيْهِ
މާނައީ: ސާއިބު ބުނު ޔަޒީދު އޭނަގެ ބައްޕަގެ ފަރާރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލައްﷲ ޢަލަހިވަސައްލަމް ދުޢާ ކުރައްވާ އިރު އަތް އުފުއްލަވާ އެއަށްފަހު ދުޢާ ކުރުއްވުމަށް ފަހު މޫނުގާ އަތްފިރުމާލައްވަމެވެ.
މިޙަދީޘަކީ އަބޫ ދާވޫދުގައިވާ ޙަދީތެކެވެ. އަދި މިޙަދީޘުގެ ސަނަދަކީ ވެސް ބަލިކަށި ސަނަދެކެވެ. މިޙަދީޘުގައިވާ ރާވިއެއް ކަމަށްވާ ޙަފްޞް ބުނު ހާޝިމް އަކީ މަޖުހޫލު ރާވީއެކެވެ. އަދި އިބުނު ލުހެއިޢާ އަކީ ބަލިކަށި ރާވީއެކެވެ.
3. އައްޒުހުރީގެ ފަރާތުންވާ މުރުސަލު ޙަދީޘް
عن مَعْمَرٍ عن الزُّهْرِيِّ قال : كان رَسولُ اللهِ صلى الله عليه وسلم يَرْفَعُ يَدَيهِ عِنْدَ صَدْرِهِ فِي الدُّعَاءِ ثُمَّ يَمْسَحُ بِهِمَا وَجْهَهُ.
މާނައީ: މަޢުމަރުގެ ފަރާތުން ޒުހުރީގެ ފަރާތުންވެއެވެ. ޒުހުރީ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލަހިވަސައްލަމް ދުޢާކުރައްވާ އިރު މޭމައްޗާއި ހަމަޔަށް އަތްއުފުއްލަވައެވެ. އެއަށްފަހު ދުޢާކޮށްނިންމާލުމަށް ފަހު މޫނުމަތީ އަތް ފިރުމާލައްވައެވެ.
މިޙަދީޘަކީ މުރްސަލު ޙަދީޘެކެވެ. މުރްސަލު ޙަދީޘަކީ އެޙަދީޘެއްގެ ސަނަދުގެ ފަހުކޮޅުގައި ތާބިޢީއަށްފަހު މީހަކު އުނިވެފައިވުމެވެ. (ތާބިއީ އަށްފަހު އުނިވެފައިވާ ރާވީ އަކީ ޞަޙާބީއެކެވެ.)
މިޙަދީޘަކީ މުރުސަލް ޙަދީޘެކެވެ. މުރުސަލް ޙަދީޘަކީ އަބޫޙަނީފާއާއި، މާލިކު އަދި އަޙްމަދުގެ އަރިހުގައި ޙުއްޖަތެކެވެ. އަދި އިމާމް ޝާފިޢީ އަރިހުގައި ޝަރުތުތަކަކާއި އެކު ޙުއްޖަތެކެވެ. އަދި ޖުމްހޫރު ޙަދީޘް ޢިލްމުވެރިންގެ އަރިހުގައި ރައްދުކުރެވިގެންވާ ބަލިކަށި ޙަދީޘެކެވެ.
އިސްވެދިޔަ ޙަދީޘްތަކަށް ބުރަވެ ޖުމްހޫރު ޢިލްމުވެރިން ދުޢާކުރުމަށްފަހު މޫނުގައި އަތްފިރުމުން މަޝްރޫޢުވެގެންވާ ކަމެއްކަމުގައި ވިދާޅުވެއެވެ. އެބޭކަލުން ވިދާޅުވަނީ މިޙަދީޘް ތަފާތު ސަނަދުތަކުން ރިވާވެފައިވާތީ މިޙަދީޘް ޙަސަން ލިޢަރިހީ ދަރަޖައިގެ ޙަދީޘް ދަރަޖައަށް ފޯރާކަމަށެވެ. ( ޙަސަން ލިޣައިރިހީ އަކި ޞަޢީފް ޙަދީޘްތައް ތަފާތު ޠުރުޤުތަކުން އައިސްފައިވުމެވެ. އެހެނަސް އެޙަދީޘްތަކުގެ ރާވީންތަކަކީ ދޮގު އަދި ފާސިޤް ކަމުގެ ސަބަބުން ޟަޢީފްކުރެވިގެންވާ ޙަދީޘްތަކަށް ވެގެން ނުވާނެ އެވެ.)
ނަމަވެސް އެ ނޫން ޢިލްމުވެރިން މީޙަދީޘްތައް ޟަޢީފުވުމުގެ ސަބަބުން މީ ޙުއްޖަތެއް ކަމުގައި ނުދެކެ އެވެ. ބުޚާރީ އަދި މުސްލިމްގައިވެސް ދުޢާކުރުމުގައި އަސްފައި ހުރި ޙަދީޘްތަކުގައި ވެސް މޫނުގައި އަތް ފިރުމުމާ ބެހޭ ގޮތުން އައިސްފައި ނުވެ އެވެ. އަދި އެއްވެސް ޞައްޙަ ޙަދީޘެއްގައި ވެސް ދުޢާ ކުރުމުގައި މޫނުގައި އަތްފިރުމުމާ ބެހޭ ގޮތުން އައިސްފައި ނުވެ އެވެ.
ޚުލާޞާ
ޢިލްމުވެރިންގެ ވާހަކަތަކަށް ނަޒަރު ހިންގައިލާ އިރު ދުޢާ ކުރުމަށް ފަހު މޫނުގައި އަތްފިރުމުން ބިދުޢައެއް ކަމުގައި ނުދެންނެވޭނެ އެވެ. އަދި އެކަން ކުރާ މީހާ އަކީ ވެސް ބިދުޢަވެރިއެކޭ ނުބުނެވޭނެ އެވެ. އެއީ އަލްޙާފިޟް އިބްނު ޙަޖަރު ފަދަ ޢިލްމުވެރިން ވިދާޅުވަނީ މި ޙަދީޘް ޙަސަން ލިޣައިރިހީ ދަރަޖައަށް ފޯރާކަމެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ އަދި އެންމެ ސުންނަތާއި ގާތް ގޮތަކީ މޫނުގައި އަތްނުފިރުމުމެވެ.
އެއީ ކުރީގައިވެސް ބަޔާންވެ ދިޔަ ފަދައިން ދުޢާކުރާއިރު އަތް އުފުލުމާ ބެހޭ ގޮތުން އައިސްފައި ހުރި އެއްވެސް ޞައްޙަ ޙަދީޘެއްގައި މޫނުފިރުމުމާ ބެހޭ ގޮތުން އައިސްފައި ނުވެ އެވެ. އެންމެ މޮޅު ގޮތަކީ ނުކޮށް ދޫކޮށްލުމެވެ. والله أعلم
މަސްދަރު: ނޫރުލްއިސްލާމް