Last Updated: July 3, 20:48
Friday, July 3, 2026
ޚަބަރު

މިދިޔަ ހަފްތާގައި ސްކޭމްތަކުން ތިން ލައްކަ ގެއްލުނު

އޮޅުވާލައިގެން މަކަރާއި ހީލަތުން މިދިޔަ ހަފްތާގައި އެކަނި ވެސް މީހުންގެ އަތުން 300،000 އަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުނެފި އެވެ.

އެންޓި ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މި މަހުގެ 19 އިން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 35 މައްސަލައެއް ރިޕޯޓުކުރި އެވެ. އެ ސްކޭމްތަކުގައި ޖުމްލަ 372،515.59ރ. ގެއްލުނު ކަމަށާއި ފުލުހުންގެ މަސައްކަތުން އޭގެ ތެރެއިން ހޯދުނީ 148،781.94ރ. ކަމަށް އެ ސެންޓަރުން ބުންޏެވެ.

މިދިޔަ ހަފްތާގައި އެންމެ ގިނައީ އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރިން ހިންގައިފައިވާ ސްކޭމްތައް ކަމަށް އެ ސެންޓަރުން ބުނެ އެވެ. އެގޮތުން އެފަދަ 13 މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ. ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި ހަ ސްކޭމާއި ޝަހުސު އޮޅުވާލުމުގެ 9 މައްސަލައަކާއި ވަޒީފާ ދޭނެ ކަމަށް ބުނެ އޮޅުވާލުމާއި ފޯނުން ގުޅައިގެންނާއި އީމެއިލް މެދުވެރިކޮށް ފޮނުވާ ލިންކުތަކުން (ފިޝިންއާއި ވިޝިން) ސްކޭމް ކުރުމުގެ ހަ މައްސަލައެއް ހުށަހަޅައިފައިވެ އެވެ. އަދި ސްކޭމްތަކުގެ އެހެނިހެން އެއް މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވެ އެވެ.

އެ ސެންޓަރުން ބުނި ގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ބޮޑަށް ބޭނުންކޮށްފައި ވަނީ ފޯނުކޯލާއި އައިބޭއާއި އޮންލައިން މެސެޖިން ޕްލެޓްފޯމްތަކާއި ފޭސްބުކް މާކެޓް ޕްލޭސް އެވެ.

އެންޓި ސްކޭމް ސެންޓަރުން ވަނީ އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އަދި އެޕްލިކޭޝަންތަކުގެ ޓޫ-ފެކްޓާ އޮތެންޓިކޭޝަން ހެދުމަށް އިލްތިމާސްކޮށްފަ އެވެ.