Last Updated: July 3, 20:48
Friday, July 3, 2026
ކުޅިވަރު

ބާސާ އަތުން ރެއާލަށް ލިބުނީ ހައްގު މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އަތުން 2-1 އިން ރެއާލް މެޑްރިޑަށް ލިބުނު މޮޅަކީ ހައްގު މޮޅެއް ކަމަށް ރެއާލްގެ ކޯޗު ޒަބީ އޮލޮންސޯ ބުނެފި އެވެ.

ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި ރެއާލުން ވަނީ 5 ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ރެއާލަށް 10 މެޗުން 27 ޕޮއިންޓު ލިބިފައިވާއިރު، ދެވަނައިގައި އޮތް ބާސެލޯނާއަށް 10 މެޗުން ލިބިފައިވަނީ 22 ޕޮއިންޓެވެ. ތިންވަނައިގައި 10 މެޗުން ލިބުނު 20 ޕޮއިންޓާއެކު އޮތީ ވިޔަރެއާލް އެވެ.

މި މެޗުގައި ރެއާލްގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭ އާއި ޖޫޑް ބެލިންހަމް އެވެ. ބާސާގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ފާމިން ލޮޕޭޒް އެވެ.

މެޗަށްފަހު ވާހަކަދައްކަމުން ރެއާލްގެ ކޯޗު އޮލޮންސޯ ބުނީ ރެއާލަށް ލިބުނީ ހައްގު މޮޅެއް ކަމަށާއި މިއީ މުހިއްމު މެޗެއް ކަމުން ޓީމު އޮތީ ވަރަށް ބޮޑަށް މެޗަށް ތައްޔާރުވެފައި ކަމަށެވެ. މިއީ ތިން ޕޮއިންޓުގެ އިތުރުން ޓީމުގެ އިތުބާރު ދެމެހެއްޓުމަށް ވެސް މުހިއްމު މޮޅެއް ކަމަށާއި މިފަދަ ބޮޑު މެޗެއްގައި ކުޅުންތެރިން ކުރި މަސައްކަތާއި މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް އޮލޮންސޯ ބުންޏެވެ.

މީގެއިތުރުން އޮލޮންސޯ ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ރެއާލްގެ މިޑްފީލްޑަރު ބެލިންހަމް އަށް ވެސް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އެގޮތުން އަނިޔާއިން ރަނގަޅުވެ ކުރިން ހުރި ފޯމަށް ބެލިންހަމް އެޅެމުންދާ ކަމަށާއި އެންމެފަހުން ކުޅުނު ތިން މެޗުގައި ވެސް ބެލިންހަމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ ކަމަށް އޮލޮންސޯ ބުންޏެވެ.

ސްޕެނިޝް ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ ވެލެންސިޔާ އެވެ.