ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫގައި ބާއްވަން ހަމަޖެހިފައިވާ "ބީއެމްއެލް ކާނިވާ" ގައި ރޮބޯމޭން ބައިވެރިވާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެ އިވެންޓް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހާ ހަމައަށް ހިތަދޫ ސިޓީ ސްކެއާގައި ބާއްވަން ނިންމާފައިވާ ހަރަކާތެކެވެ.
ބީއެމްއެލް އިން ބުނީ ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލު ރޮބޯމޭން ކާނިވާގައި ހަރަކާތްތެރި ވާނީ ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 އަށް ކަމަށެވެ.
މީގެ ކުރިން ވެސް އައްޑޫގައި ބާއްވާފައިވާ އެކިއެކި އިވެންޓްތަކުގައި ރޮބޯމޭން ބައިވެރިވެފައިވެ އެވެ. އެގޮތުން މި އަހަރުގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރަން ސިޓީ ސްކެއާގައި ބޭއްވި ހަރަކާތުގައި ވެސް ރޮބޯމޭން ބައިވެރިވި އެވެ.
ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ބާއްވާ "ބީއެމްއެލް ކާނިވާ" ގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ގައުމީ ބޭންކުން ބުންޏެވެ. އޭގެ ތެރޭގައި ގޭމާއި މިއުޒިކާއި ކާނާގެ ސްޓޯލްތައް ހިމެނެ އެވެ.
ކާނިވާގައި ބައިވެރިން މެދުގައި ގްރޭންޑް ލަކީޑްރޯއެއް ވެސް ނަގަން ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.