އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ކަރަންޓް ކެނޑޭ މައްސަލަ ހައްލު ކުރުމަށްޓަކައި ފެނަކަ އިން ފޮނުވަން ނިންމާފައިވާ 1.8 މެގަވޮޓްގެ އާ ޖެންސެޓް މާދަމާ އައްޑު އަށް ގެންދެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ފެނަކަ އިން އެ ބުނީ ޖެނެރޭޓަރު މިހާރުވީ އައްޑު އަށް ގެންދިއުމުގެ މަގުމަތީގައި ކަމަށާއި އެ ހިފައިގެންދާ އުޅަނދު މާދަމާ ހެނދުނު އައްޑޫގައި ބަނދަރު ކުރާނެ ކަމަށެވެ.
އައްޑޫގެ ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫ އަދި ފޭދު އަށް ކަރަންޓް ދެނީ އައްޑޫގައި ހުންނަ ފެނަކައިގެ މަރުކަޒީ އިންޖީނުގެއިންނެވެ. އެތަނުގެ އިންޖީނުތައް އެކަށީގެންވާ ގޮތަށް ބަލަހައްޓައި މަރާމާތު ނުކުރެވުމާއި އިންޖީނުތައް ބާވުން ފަދަ މައްސަލަތަކާ ހެދި ހަތަރު އަވަށުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑުމަކީ ހައްލެއް ނުލިބި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ.
އެހެންވެ މިކަން ހައްލު ކުރަން އެކި ފަހަރު މަތިން އައްޑު އަށް ޖެންސެޓް ގެނެސް އިންސްޓޯލްކޮށްފައިވެ އެވެ.
މިދިޔަ ހަފުތާގައި ވެސް ގުޅިފައިވާ އަވަށްތަކުން އެއްކޮށް ކަރަންޓް ކެނޑިފައިވެ އެވެ. އެކަމާ ގުޅިގެން ފެނަކަ އިން މިދިޔަ ހަފުތާގެ ތެރޭގައި 1.6 މެގަވޮޓްގެ ޖަނެރޭޓަރެއް ވެސް ގެނެސްފައިވެ އެވެ.
ފެނަކަ އިން ބުނީ އައްޑޫގެ ކަރަންޓް މައްސަލަ އަށް ދާއިމީ ހައްލެއް ގެންނަން އަދި އަހަރެއްހާ ދުވަސް ނަގާނެ ކަމަށާއި އެ މަސައްކަތް ބަޔަކާ ވަރަށް އަވަހަށް ހަވާލު ކުރާނެ ކަމަށެވެ.