ބޮލީވުޑްގެ ތަރި، ކާތިކް އާރިއަންގެ ކްރީޗާ ކޮމެޑީ "ނާގްޒިއްލާ" ގެ ޝޫޓިން އަންނަ މަހު ފަށަން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނަށް މިރްދީޕް ސިންގް ލާމްބާ ޑައިރެކްޓްކުރާ ފިލްމުގެ ޝޫޓިން އަންނަ މަހުގެ 1 ގައި ރަސްމީކޮށް ފަށާނެ ކަމަށެވެ. އެގޮތުުން އެކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވެސް މިހާރު ވެފައިވާ ކަމަށް ބުންޏެވެ.
"ނާގްޒިއްލާ" ގައި ކާތިކް ކުޅޭނީ ހަރުފައަކަށް ސިފަ ބަދަލުވާ ކެރެކްޓާއެކެވެ.
މި ފިލްމަކީ ބެލުންތެރިންގެ ފަރާތުން ލިބޭ ތަރުހީބަށް ބަލާފައި ޓްރިލޮޖީއެއްގެ ގޮތަށް ދިގުދަންމައިލަން ވެސް ޕްލޭންކޮށްފައި އޮތް ޕްރޮޖެކްޓެކެވެ. "ފުކްރޭ" ގެ ތިން ފިލްމު ވެސް ގެނެސްދިން މިރްދީޕްގެ އާ ފިލްމުގެ މަސައްކަތް ފަށާ އިރު، ކާތިކާ އެކު ފިލްމުގެ ބަތަލާގެ ރޯލުން ފެންނާނީ ކާކު ކަމެއް އަދި ނޭނގެ އެވެ.
"ނާގްޒިއްލާ" ގެ ޝޫޓިން އަންނަ މަހު ފަށާ އިރު، މި ފިލްމު ރަސްމީކޮށް އިއުލާންކުރީ މި އަހަރުގެ އެޕްރީލް 22 ގަ އެވެ. ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ އޮގަސްޓް 14 ގަ އެވެ.
ކާތިކްގެ ކުރިއަށް އޮތް ފިލްމަކީ ވެސް ދަރުމާގެ ފިލްމެކެވެ. އެއީ ޑިސެންބަރު 31 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އެވެ. ސަމީރު ވިދުވަންސް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ބަތަލާ އަކީ އަނަންޔާ ޕާންޑޭ އެވެ.
"ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އަކީ ދަރުމާގެ ފިލްމަކުން ކާތިކް ފެންނާނެ ފުރަތަމަ ފަހަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 3" އެވެ.