ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
މި އެވޯޑްތައް ދޭން މި އަހަރުގެ މަސްވެރިންގެ ދުވަހު ބާއްވާ ރަސްމީ ޖަލްސާގަ އެވެ. މަސްވެރިންގެ ދުވަސް ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު 10 ގައި ފާހަގަ ކުރަމުން އަންނަ އިރު، މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ރ. ދުވާފަރުގަ އެވެ.
އެ ދުވަހު މަސްވެރިކަމުގެ ދާއިރާ އިން ތިން އެވޯޑެއް ދޭނެ އެވެ. އެއީ ހިތްވަރުގަދަ ޒުވާން ކެޔޮޅު، އެންމެ ތަޖުރިބާކާރު ކެޔޮޅު އަދި އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑެވެ.
މި އެވޯޑުތަަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު އަންނަ މަހުގެ 9 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. ކުރިން ދިން މުއްދަތު ހަމަވީ މި މަހުގެ 23 އަށެވެ.
މިނިސްޓްރީން ބުނީ މުއްދަތު އަލުން އިތުރު ކުރަން ނިންމީ ވީހާ ވެސް ގިނަ މަސްވެރިންނަށް އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ފަހިކޮށް ދިނުމުގެ ގޮތުން ކަމަށެވެ.
އެވޯޑްތަކަށް ކުރިމަތިލެވޭނީ މިހާރު ވެސް މަސްވެރިކަމުގައި ޢަމަލީ ގޮތުން މަސައްކަތްކުރަމުން އަންނަ ފަރާތްތަކަށެވެ. އެގޮތުން، ހިތްވަރުގަދަ ޒުވާން ކެޔޮޅުގެ އެވޯޑަށް 35 އަހަރުގެ ދަށުގެ ކެޔޮޅުންނަށް ކުރިމަތިލެވޭއިރު، ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑަށް ކުރިމަތިލެވޭނީ 35 އަހަރުން މަތީގެ ކެޔޮޅުންނަށެވެ.
އެވޯޑްތަކަށް އެދި އަމިއްލަ ޙައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ހުށައެޅުމުގެ ފުރުސަތު އޮންނާނެ އެވެ.