Last Updated: June 6, 18:02
Saturday, June 6, 2026
ޚަބަރު

ހުޅުމާލޭގެ ތަރައްގީ ކުރަނީ އަތޮޅުތައް ފަޅުކުރަން

ހިއްކައިގެން ހެދި ހުޅުމާލެ އަކީ ރާއްޖޭގެ އެހެން އަތޮޅުތައް ފަޅުކޮށް "ވައްކަން ކުރުމުގެ ސިޔާސަތުގެ“ ދަށުން ތަރައްގީ ކުރަމުން އަންނަ ތަނެއް ކަމަށް ތިނަދޫ މޭޔަރު ސައުދު އަލީ ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ މިއަދު ވިދާޅުވީ ހުޅުމާލެ އަކީ ދައުލަތުގެ ބަޖެޓަށް ވަން އެތައް ފައިސާއެއް ހޭދަކޮށްގެން ކުރިއަށް ގެންގޮސްފައިވާ "ހީލަތްތެރި" މަޝްރޫއެއް ކަމަށެވެ.

ހުޅުމާލެ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 1997 ގައި ފެށި މަޝްރޫއެކެވެ. އެތަނުގައި މީހުން އާބާދުވާން ފެށުމަށް އެއް އަހަރު ފުރުނީ 2005 ގަ އެވެ. އަދި މިހާރު ހުޅުމާލެ އަކީ ރާއްޖޭގެ އާބާދީގެ ވަރަށް ގިނަ އަދަދެއްގެ ދިރިއުޅެމުން އަންނަ އެންމެ ބާރަށް ތަރައްގީ ވެސް ވަމުން އަންނަ ތަނެވެ.

ހުޅުމާލޭގެ ދެ ފިޔަވަހީގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ބޮޑު އާބާދީއެެއް މިހާރު އޮތް އިރު، މި ސަރުކާރުން ވަނީ ހުޅުމާލޭގެ ތިން ވަނަ ފިޔަވައްސެއް ވެސް ކުރިއަށް ގެންދަން ނިންމައިފަ އެވެ. އެގޮތުން އެކަމަށް ބޭނުންވާ ބިން ހިއްކަން ފަށާފައިވެ އެވެ.

ސައުދު ވިދާޅުވި ގޮތުގައި ހުޅުމާލެ އަކީ ދައުލަތުގެ އެތައް ފައިސާ ބޭނުންކޮށްގެން، ރާއްޖޭގެ އެހެން ހިސާބުތައް ފަޅުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

"ސަރުކާރުން ދައުލަތުގެ ބަޖެޓަށް ވަތް ހުރިހާ ފައިސާއެއް އެ ފަޅު ހިއްކަން އަޅައި ހުވަދު އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުންނާއި، އެހެން އަތޮޅުތަކުގެ ރައްތައް ފަޅުކުރުމުގެވައްކަން ކުރުމުގެ ސިޔާސަތުގެ ދަށުން ހުޅުމާލެ ކިޔާ ރަށެއް ވުޖޫދުކޮށް އެއްފަސްކޮށް ރައްތައް ހުސްކުރަން ފެށީ." އޭނަ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ހުވަދު އަތޮޅުގެ ތަރައްޤީ ހުއްޓުވައި ބޭރުގެ އެހީތައް ވެސް ބަނޑުއަޅައިގެން ހުވަދު އަތޮޅުގެ ރައްޔިތުން ނިކަމެތިކޮށް ބިކަކޮށް މަލެ ސަރަހައްދަށް ޖަމާކޮށް ރައްޔިތުން އަޅުވެތިކޮށްފައިވާ ކަމަށެވެ.

" ބަޑަހަގެއިން ތައްޔާރުކޮށްފައިވާ ވައްކަމުގެ ސިޔާސަތު ބަދަލު ކުރަން ޖެހޭ." ސައުދު ވިދާޅުވި އެވެ.