Last Updated: June 8, 12:02
Monday, June 8, 2026
މުނިފޫހިފިލުވުން

ރަންބީރް، ރަންވީރު އަދި ކާތިކްގެ ނަން ޝޯޓްލިސްޓްގައި

ބޮލީވުޑްގެ ޑައިރެކްޓަރު އަނީސް ބަޒްމީ "ރާމް އޯރް ޝާމް' ކިޔާ ފިލްމެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އޭނަ އެ ނަމުގައި ފިލްމެއް ހަދަން އުޅޭ ވާހަކަ ދެކެވެން ފެށީ މި އަހަރު ނިމުމުގެ ކުރިން، 2005 ގެ ފިލްމު "ނޯ އެންޓްރީ" ގެ ސީކްއެލް "ނޯ އެންޓްރީ މޭ އެންޓްރީ" ގެ ޝޫޓިން ފަށާނެ ކަމަށް ބުނެފައި ވަނިިކޮށެވެ. ނަމަވެސް އެ ފިލްމުގެ ތިން ބަތަލުންނަށް ނެގި އެކްޓަރުންގެ ތެރެއިން ދިލްޖީތު ދޮސަންޖް ފިލްމުން ވަކިވުމާ ގުޅިގެން ކާސްޓް އޮތީ ފައިނަލް ނުކުރެވި އެވެ.

އެއަށް ނެގި އަނެއް ދެ އެކްޓަރުންނަކީ "ނޯ އެންޓްރީ މޭ އެންޓްރީ" ގެ ޕްރޮޑިސަރު ބޯނީ ކަޕޫރްގެ ދަރިފުޅު އަރުޖުން ކަޕޫރްގެ އިތުރުން ވަރޫން ދަވަނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމުގެ ކުރިން އަނީސް "ރާމް އޯރް ޝާމް" ހަދާނެ އެވެ. އަދި މީގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ އެވެ. މިއީ އެކްޓަރެއްގެ ޑަބަލް ރޯލެއް ހިމެނޭނެ ފިލްމެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމަށް ގެންނަން ތިން އެކްޓަރަކު ޝޯޓްލިސްޓްކޮށްފައިވެ އެވެ.

އެއީ ރަންބީރް ކަޕޫރާއި ރަންވީރު ސިންގުގެ އިތުރުން ކާތިކް އާރިއަނެވެ.

މީޑިއާތަކުން ބުނީ "ރާމް އޯރް ޝާމް" އަށް އެކްޓަރަކު ފައިނަލް ކުރާނީ އެ މީހުންނަށް ވަގުތު ދެވެން އޮތް ގޮތަށް ބެލުމަށް ފަހު ކަމަށެވެ. އެ ތިން އެކްޓަރުންގެ ތެރެއިން މިހާތަނަށް އަނީސްއާ އެކު މަސައްކަތްކޮށްފައި ވަނީ ކާތިކް އެކަންޏެވެ.

އެއީ މިދިޔަ އަހަރުގެ "ބޫލް ބުލައްޔާ 3" އާއި 2022 ގެ "ބޫލް ބުލައްޔާ 2" ގަ އެވެ.

"ރާމް އޯރް ޝާމް" ގެ ނަމުގައި މީގެ ކުރިން ވެސް ހިންދީ ސިނަމާ އަށް ފިލްމެއް ގެނެސްފައިވެ އެވެ. އެއީ މަރުވެފައިވާ އެކްޓަރު ދިލިޕް ކުމާރު ޑަބަލް ރޯލު ކުޅުނު 1967 ގެ ފިލްމެވެ. ތަޕީ ޗަނަކިއާ ޑައިރެކްޓްކުރި ކާމިޔާބު އެ ފިލްމުގެ ބަތަލާއިންނަކީ ވަހީދާ ރަހްމާނާއި މުމްތާޒެވެ.

މީޑިއާތަކުން ބުނީ ދިލިޕްގެ ފިލްމާއި އަނީސްގެ ފިލްމުގެ ނަން އެއްގޮތް ވިޔަސް އޭނަގެ "ރާމް އޯރް ޝާމް" އަކީ ރިމޭކެއް ނޫން ކަމަށާއި އޮރިޖިނަލް ފިލްމެއް ކަމަށެވެ.