Last Updated: July 3, 23:06
Friday, July 3, 2026
ޚަބަރު

މުވައްޒަފުންނަށް ތިން މަސްތެރޭ 447 ތަމްރީން ޕްރޮގްރާމް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި 447 ތަމްރީން ޕްރޮގްރާމެއް ހިންގައިފިއެވެ.

އެމްއޭސީއެލް އިން މިއަދު ވިދާޅުވީ، މި ތަމްރީން ޕްރޮގްރާމްތަކަކީ އެމްއޭސީއެލްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ހުނަރުވެރި އަދި ގާބިލު ބައެއްކަން ކަށަވަރު ކުރުމަށް, ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެމްއޭސީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުން މި އަހަރުގެ ތިންވަނަ ކުއާޓާގައި ހިންގި ޕްރޮގްރާމްތަކެއް ކަމަށެވެ.

އެގޮތުން މިދިޔަ ތިން މަސް ތެރޭގައި ހިންގި ތަމްރީން ޕްރޮގްރާމްތަކުގައި 7,773 ބައިވެރިން ބައިވެރިވެފައިވެއެވެ.

މި ތަމްރީން ޕްރޮގްރާމްތަކުގައި ކިޔަވައިދީފައިވަނީ އެމްއޭސީއެލްގެ ޓްރެއިނަރުންނެވެ.

މީގެ އިތުރުން އެމްއޭސީއެލްގެ އޮޕަރޭޝަންސްތަކާއި ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގެ މުހިންމު ސަރަހައްދުތަކާއި އެމްއޭސީއެލް އިން ލިބެން ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ސްކޫލް ދަރިވަރުންނަށް ދިނުމުގެ ހަތަރު ޓުއާއެއް މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ޓުއާތަކުގައި 273 ދަރިވަރުން ބައިވެރިވެފައިވެއެވެ.

އެމްއޭސީއެލް އިން އަބަދުވެސް މަސައްކަތް ކުރަނީ އޭވިއޭޝަންގެ ދާއިރާ އަދި އެމްއޭސީއެލްއަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކޮށް, ވަޒީފާގައި ތިބި މުވައްޒަފުންގެ ހުނަރު ތަރައްގީކޮށް, އޭވިއޭޝަން ދާއިރާ މިހާރަށްވުރެ ވަރުގަދަ ކުރުމަށެވެ.