Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ޝަރީއަތަށް ހާޒިރުނުވެ ޔާމީން ދިއްދު އަށް، ކޯޓުގެ އިންޒާރެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯޓަށް ހާޒިރުވެވަޑައިނުގެންނެވުމުން، ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލާގެ އަޑުއެހުން މިއަދު ކެންސަލްކޮށްފި އެވެ.

އެ މައްސަލައިގެ އަޑުއެހުމެއް މިއަދު 2:30އަށް އޮތީ ތާވަލުކޮށްފަ އެވެ. ނަމަވެސް ޔާމީން ހާޒިރުނުވާތީ ކްރިމިނަލް ކޯޓުން ވަނީ އަޑުއެހުން ކެންސަލްކޮށްފަ އެވެ.

އަޑުއެހުން ކެންސަލްކުރިކަން އަންގާ ކޯޓުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ދައުވާ ލިބޭ ފަރާތުން މަގަބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުނުވުމަކީ އަދި މައްސަލަ ތާވަލުކުރެވިފައި ވަނިކޮށް ކޯޓުގެ ހުއްދަނެތި ކޯޓު ހުރި ރަށުން ފުރައިގެން ދިއުމަކީ އެ ފަރާތަކާ މެދު ގާނޫނީ ފިޔަވަޅު އެޅިދާނެ އަމަލުތަކެއް ކަމަށެވެ.

ހއ. އަތޮޅުގެ މި އަހަރުގެ 'ތިލައުތުރު އެވޯޑް' ޝަރަފުވެރިކޮށްދެއްވަން، އެ އަތޮޅު ދިއްދުއަށް ޔާމީން ވަނީ މިއަދު ވަޑައިގެންފަ އެވެ. މިއީ އެ އަތޮޅު ކައުންސިލުން ދިން ދައުވަތަށް ޔާމީން ކުރައްވާ ދަތުރެކެވެ.

ތިލައުތުރު އެވޯޑަކީ ހއ. އަތޮޅަށް އެކި ދާއިރާތަކުން ހިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ބާއްވާ އެވޯޑެކެވެ. އެގޮތުން ޖުމްލަ ހަ ދާއިރާއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.