ދުނިޔޭގެ އެންމެ ދުވަސްވީ ރައީސް ކަމަށްވާ ކެމެރޭންގެ ރައީސް ޕޯލް ބިޔާ 8 ވަނަ ދައުރަކަށް އިންތިހާބުވެއްޖެ އެވެ.
މިހާރު އުމުރުން 92 އަހަރުގެ ބިޔާ، ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވިކަން ކެމެރޫންގެ ކޮންސްޓިޓިއުޝަނަލް ކައުންސިލުން މިއަދު އިއުލާންކުރި އިރު، އިދިކޮޅު ފަރާތްތަކުން ދިޔައީ އިންތިހާބު ކާމިޔާބުކުރީ އެ މީހުން ކަމަށް ބުނަމުންނެވެ.
އިންތިހާބުގެ ރަސްމީ ނަތީޖާ ބުނާ ގޮތުން ބިޔާ އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓްލީ މީހުންގެ 53.7 ޕަސެންޓް މީހުންގެ ތާއިދާ އެކީގަ އެވެ. އަދި އިދިކޮޅު ކެންޑިޑޭޓް އިސާ ޗިރޯމާ ބަކަރީ އަށް ލިބިވަޑައިގަތީ 35.2 ޕަސެންޓް ވޯޓެވެ.
ނަމަވެސް އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވައި، އިންތިހާބުގެ ނަތީޖާ ވަނީ އޮޅުވާލައިފަ އެވެ. މިކަމާ ހެދި ކެމަރޫންގެ ސިޔާސީ މަސްރަހު އޮތީ ވަރަށް ނުތަނަވަސްކޮށެވެ. އިދިކޮޅު ފަރާތްތަކުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންދާ އިރު، ސަލާމަތީ ބާރުތަކާއި ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި، އިއްޔެ ވެސް ކެމެރޫންގެ ވިޔަފާރީގެ މަރުކަޒު ޑުއޯލާ ހަތަރު މީހަކު މަރު ވެފައިވެ އެވެ.

ބިޔާ، ކެމެރޫންގެ ރައީސްކަން ކުރައްވަމުން ގެންދަވަނީ ނޮވެންބަރު 6، 1982 އިން ފެށިގެންނެވެ. އޭނަ އަކީ އެ ގައުމުގެ ދެވަނަ ރައީސެވެ.
ބިޔާ އަކީ މިހާރު އެފްރިކާ ބައްރުގައި ވެރިކަން ކުރައްވާތާ ދެވަނަ އަށް އެންމެ ގިނަ ދުވަސްވީ ރައީސެވެ. އެ ބައްރުގެ ގައުމެއްގައި ވެރިކަން ކުރައްވާތާ މިހާރު އެންމެ ގިނަ ދުވަސްވީ ރައީސަކީ އެކްޓޯރިއަލް ގިނީގެ ރައީސްގެ ޓިއޮޑޯރޯ އެންގުއެމާ އެމްބާސޯގޯ އެވެ.
އޭނަ ވެރިކަމުން ކުރައްވަމުން ގެންދަވަނީ އޮކްޓޯބަރު 12، 1982 އިން ފެށިގެންނެވެ. ޓިއޮޑޯރޯގެ އުމުރަކީ މިހާރު 83 އެވެ.