ޅ. ހިންނަވަރުގައި 100 ހައުސިން ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢެއް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ހިންނަވަރު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ހިންނަވަރަކީ އާބާދީ ބޮޑު، ބައިބޯ ރަށެއް ކަމަށާއި އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާ 100 ހައުސިން ޔުނިޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން، ހިންނަވަރުގައި ހިއްކާފައިވާ ސަރަޙައްދު އާބާދުކުރުމަށް ބޭނުންވާ ފެނާއި، ކަރަންޓާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރެއްވުމުގެ މަސައްކަތްވެސް ހަލުވި ދުވެލީގައި ފުރިހަމަ ކޮށްދެއްވާނޭކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
މިހާރު ރަށުގައި ހުއްޓުމަކަށް އައިސްފައިވާ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން ކުރިއަށް ނުގެންދާތީ، އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލައި، އެހެން ފަރާތަކާ ހަވާލުކޮށްގެން އެ މަސައްކަތްވެސް އަލުން ފައްޓަވާނޭކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު ބިންގާ އެޅި، ބޭންކް އޮފް މޯލްޑިވްސް ހިންނަވަރު ބްރާންޗުގެ މަސައްކަތް ނިންމައި، އަންނަ އަހަރުގެ މާރިޗު މަހު، އެ ބްރާންޗުން ޚިދުމަތް ދޭން ފަށާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިގޮތަށް ބޭންކް އޮފް މޯލްޑިވްސް ބްރާންޗުތައް ޤާއިމުކުރާ ހުރިހާ ރަށެއްގައިވެސް، ކުރިއަށް އޮތް ފަސްވަރަކަށް މަސްދުވަހުގެ ތެރޭ މަސައްކަތް ނިންމައި ޚިދުމަތް ދޭން ފަށާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، އެމަނިކުފާނުގެ ވަޢުދުފުޅުތަކާ ގުޅުންހުރި، މި ނޫންވެސް، މުހިންމު މަސައްކަތްތަކެއްގެ އެކި މަރުޙަލާތައް ހިންނަވަރުގައި ފައްޓަވައިދެއްވާފައެވެ. އެގޮތުން، މި ދަތުރުފުޅުގައި ވަނީ، ހިންނަވަރު ފުލުހުންގެ މަރުކަޒާއި، ހިންނަވަރު ކައުންސިލް އިދާރާގެ އައު އިމާރާތާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތް ފައްޓަވައި، ފެނަކަ ކޯޕރޭޝަންގެ އިމާރާތް ހުޅުއްވައިދެއްވާފައެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހަކާއި ދަނާލެއް ހިންނަވަރުގައި ޤާއިމުކުރުމުގެ މަޝްރޫޢާއި، ހިއްކި ބިމުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢާއި، ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތް ބިނާކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކުރައްވާފަ އެވެ.
ރަށުގައި މިހާރު ހިނގަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަގުހެދުމުގެ މަޝްރޫޢަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ)ގެ ޤާބިލިއްޔަތު އިތުރުކުރެއްވުމަށް ބޭނުންވާ އިތުރު އާލާތްތަކާއި މެޝިނަރީ، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭ ރާއްޖެ ގެނެސް، އެއް ރަށަށް ވުރެ ގިނަ ރަށުގައި އެއްފަހަރާ މަސައްކަތްކުރެވޭނޭ މަގުފަހިކޮށްދެއްވާނޭކަމަށް ވިދާޅުވެފަ އެވެ.
ރަށު ބަނދަރުގެ މަސައްކަތް ކުރިއަށްގެންދަވާނީ، ބޭރު ތޮށި އުސްކޮށް، ބޭރު ތޮށީގައި އުޅަނދުފަހަރު އެޅޭނޭގޮތަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި، ރަށުގެ ކުންޏާއި ވަސީލަތް މެނޭޖުކުރުމުގެ މަސައްކަތާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހަވާލުވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ރަށުގައި ސްވިމިންގ ޓްރެކަކާއި ސްޕޯޓްސް ކޮމްޕްލެކްސް އެއް ތަރައްޤީކުރައްވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުގެ އަމާޒަކީ، މަޑު ދުވެލީގައި ހިންނަވަރު ތަރައްޤީވަމުން އައި އައުން ނިމުމަކަށް ގެނެސް، ހަރު ދުވެލީގައި ރަށަށް ތަރައްޤީ ގެނައުންކަމުގައި އެމަނިކުފާނު މިއަދު ވިދާޅުވިއެވެ.